އައްޑޫ ސިޓީގައި ހިންގާ ފްލައިން ސްކޫލް، އޭޝިޔަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) އިސް ދެ ވެރިޔަކަށް ފިޔަވަޅު އެޅުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އަންގަވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އޭއޭއޭ ގެ މައްސަލަތަކާ ގުޅިގެން، ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އޯޑިޓްގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން އެ ތަނުގެ ހެޑް އޮފް ޕައިލެޓް ޓްރެއިނިންގް އާއި އެކައުންޓެބަލް މެނޭޖަރުގެ މައްސަލަ އިތުރަށް ބަލާ ފިޔަވަޅު އެޅުމަށް ރައީސް މިއަދު އަންގަވާފައިވާ ކަމަށެވެ.
މީގެއިތުރުން ރައީސް މިއަދު ވަނީ އެ ސްކޫލްގެ މައްސަލަ ދިގުލައިގެން ދިއުމުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިހުމާލެއް ވޭތޯ ބެލުމަށް މިނިވަން އޯޑިޓެއް ހަދައި، އިހުމާލުވެފައި ވާނަމަ، އިހުމާލުވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ވެސް އަންގަވާފައެވެ.
އަދި އެ ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސް އިން ލޯނު ނަގާފައިވާ ދަރިވަރުންގެ ލޯނު މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް މިނިސްޓްރީ އޮފް ހަޔާ އެޑީއުކޭޝަން އިން ދޫކުރާ ލޯނުތަކަށް ބަދަލުކުރަން ރައީސް އަންގަވާފައިވާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
ރައިސް އެފެދައިން އަންގަވާފައި ވާއިރު، ފްލައިން ސްކޫލްގައި ހިންގާ ކޯސްތައް އެ ސްކޫލްގެ އިހުމާލުން ލަސްވަމުން ދާތީ ދަރިވަރުން އެ ކަމުގެ ޝަކުވާ ވަނީ ކޮށްފައެވެ. ފްލައިން ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުން ނުނިމި ދިގުލާ މައްސަލައިގައި ދަރިވަރުންނާއި، ދަރިވަރުންގެ ބެލެނިވެރިން ވަނީ ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ. އަދި 86 ދަރިވަރުން ވަނީ ސްކޫލުގެ މައްސަލަތައް ހިއްސާކޮށް ޕެޓިޝަނެއްގައި ސޮއި ކޮށްފައެވެ. ޕެޓިޝަންގައި ސޮއިކުރި ދަރިވަރުންގެ ތެރެއިން ބައެއް ދަރިވަރުން ސްކޫލުން ވަކިކުރަން ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް މިކަން ނުކުރުމަށް ޓްރާންސްޕޯޓުން ވަނީ ބުނެފައެވެ. އޭގެ ފަހުން އެ ސްކޫލުގެ ފަރާތުން ވަނީ އިންޒާރުގެ މެއިލްތަކެއް ވަނީ ކޮށްފައެވެ.
އެގޮތުން ސުކޫލުން ފޮނުވި އީ-މެއިލްއެއްގައި ވަނީ އެ ދަރިވަރަކީ ގަސްތުގައި މީހަކު މަރާފައިވާ ދަރިވަރެއް ކަމަށް ތުހުމަތުވެސް ވަނީ ކޮށްފައެވެ. އަދި އެ އީއެމްއިލް ފޮނުވާފައި ވަނީ ޓްރާސްޕޯޓް މިނިސްޓްރީ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އަށް ކޮޕީކޮށެވެ.
މައްސަލަ ބޮޑުވެފައިވާ ފްލައިން ސްކޫލްގައި މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދުއްވާނެ ބޯޓެއް ނެތްއިރު، މުސާރައިގެ މައްސަލައިގައި އެ ސްކޫލްގެ އިންޖިނިއަރުން ވަނީ މަގާމުން އިސްތިއުފާ ދޭން ނިންމާފައެވެ.
މުސާރައިގެ މައްސަލަ އާއި ހެދި ފްލައިން ސްކޫލްގެ އިންޖިނިއަރުންތަކެއް އިސްތިއުފާ ދޭން ނިންމާފައިވާއިރު މުސާރައިގެ މައްސަލައިގައި އެ ސްކޫލްގެ އިންސްޓްރަކްޓަރުންނާއި ސްކޫލްގެ މުވައްޒަފުން ވަނީ ހަޅުތާލުވެސް ކޮށްފައެވެ.
އެމީހުންގެ ނަންތަކެެއް ނުޖަހާ. ކޮން ގަވްމެއްކަންވެސް ނޭގޭ.
ބަލަ އެމީހުނަށް ގެއްލުން ވެގެން ލާރިވެސް ވަނީ ދީފަނޫން.ކޮން ވާހަކައެއް ދައްކާކަށް.