ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތަަށް 2 އަހަރު ނަގާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

ހަނިމާދޫ އެއާޕޯޓުގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ކޮންސަލްޓެންޓް ކަމުގައިވާ އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާ (އޭއޭއައި) އިން މަޝްރޫއުގެ ޑީޓެއިލްޑް ޕްރޮޖްކްޓް ރިޕޯޓް (ޑީޕީއާރް) ގެ މަސައްކަތް ފުރިހަމަކޮށް މިއަހަރުގެ ފެބްރުއަރީ މަހު ހުށައަޅާފައިވާ ކަމަށެވެ.

ޑީޕީއާރް ފަންޑް ކޮށްފައިވަނީ އިންޑިއާ ސަރުކާރުގެ 750،000 ޑޮލަރުގެ ގްރާންޓެއް މެދުވެރިކޮށް ކަމަށާއި އަދި ދިވެހި ސަރުކާރުން ވަނީ ޑީޕީއާރް ގެ ކުރަންޖެހޭ ތަހުލީލުތައްކޮށް ބަލާގަނެފަ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ފަރާތުން މިހާރު އަންނަނީ އެ މަޝްރޫއުގެ ޕްރީ-ކޮލިފިކޭޝަން މަރުހަލާގެ މަސައްކަތް ކުރަމުން ކަމަށެވެ. އަދި މި މަރުހަލާގައި މިފަދަ މަޝްރޫއުތަށް ފުރިހަމަކުރުމުގެ ތަޖުރިބާއާ، ޓެކްނިކަލް މާހިރުކަމާ ގާބިލިއްޔަތު، އަދި މާލީ ތަނަވަސްކަން ލިބިފައިވާ އިންޑިއާގެ ކުންފުނިތަކުން ބައިވެރިވާ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީކޮށް ނިމޭއިރު އޮންނާނެ ގޮތުގެ ކުރެހުމެއް / ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ޕްރީ-ކޮލިފިކޭޝަން މަރުހަލާގެ މަސައްކަތް މެއި މަހުގެ ފަހުކޮޅު ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެއަށް ފަހު ދިވެހި ސަރުކާރުގެ ފަރާތުން މަޝްރޫއުގެ ޓެންޑަރު މަރުހަލާ ފަށާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މަޝްރޫއުގެ ކޮންޓްރެކްޓް ޖުލައި ގައި ހަވާލު ކުރެވޭނެ ކަމަށް ބެލެވޭ ކަމަށާއި މަޝްރޫއުގެ މަސައްކަތަށް 2 އަހަރު ނަގާނެ ކަމަށް ލަފާކުރެވޭ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ދަށުން އިމާރާތްކުރެވޭ ޓާމިނަލް އިމާރާތުގެ ޑިޒައިން ވަރަށް ތަފާތު ވެފާ، ފުރިހަމަވާނެ ކަމަށެވެ. އެ ޑިޒައިން ކޮންސެޕްޓް ބިނާވެފައިވަނީ ދިވެހި ކަނޑުތަކުގެ ދިރުންތަކުގެ މައްޗަށް، ހާއްސަކޮށް މަޑި ސިފަވާނެ ހެންނެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީކޮށް ނިމޭއިރު އޮންނާނެ ގޮތުގެ ކުރެހުމެއް / ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓް ބައްޓަން ކޮށްފަވަނީ ހާމަކަން ބޮޑުކޮށް، 1.75 އިންސައްތަ އިންޓްރެސްޓް ހިމެނޭހެން، 5 އަހަރުގެ މޮރެޓޯރިއަމް އަކާއި އެކު، އަނބުރާ ދެއްކުމަށް 20 އަހަރުގެ މުއްދަތަކާއި އެކު ކަމަށް މިނިސްޓްރީން ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2,460 މީޓަރުގެ އާ ރަންވޭއަކާއި 11,000 އަކަފޫޓުގެ ޒަމާނީ ޓާމިނަލް އިމާރާތް ކުރާނެ ކަމަށެވެ. އަދި 624,000 އަކަފޫޓުގެ އޭޕްރަންއަކާއި ބައިނަލްއަގްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ގާއިމު ކުރާނެ ކަމަށެވެ.

އެމަޝްރޫއު ނިމުމުން ބައިނަލްއަގްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިން 737 މަރުކާގެ ބޯޓު ފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. އަދި މެދުއިރުމައްޗާއި، ދެކުނު އޭޝިއާއާއި، ދެކުނު އިރުމަތީ އޭޝިއާއާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސިދާ ފްލައިޓްތައް ހަނިމާދުއަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ލިބިގެން ދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.