ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ގުޅިގެން ކައުންސިލަރުން ހުވާކުރުން ކުރިއަށް ގެންދާނީ އޮންލައިންކޮށް ކަމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފިއެވެ.

އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެލްޖީއޭގެ ޑިރެކްޓާ ޖެނެރަލް އާދަމް ޝަރީފް ވިދާޅުވީ މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވި ފަހުން ވެސް ވަރަށް ގިނަ ދުވަސް ވެއްޖެ ކަމަށާއި ދައުރު ހަމަވެފައިވާތީ ގިނަ ކައުންސިލަރުން މަގާމުން އިސްތިއުފާ ވެސް ދީފައިވާތީ އެލްޖީއޭ އިން ކުރިން ވެސް ނިންމާފައިވާ ގޮތަށް މި މަހުގެ 17 ވަނަ ދުވަހު އާ ކައުންސިލަރުން ހުވާ ކުުރުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

އެހެން އަހަރުތަކާއި ހިލާފަށް މިފަހަރު އާ ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތުގައި އާންމުންނަށް ބައިވެރިނުވެވޭނެ ކަމަށާއި ހުވާކުރުމުގެ ރަސްމިއްޔާތު ކުރިއަށްގެންދާނީ އޮންލައިންކޮށް ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ކައުންސިލަރުން ހުވާކުރުމުގެ ކަންކަން ކުރިއަށްގެންދާނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އެރަށެއްގެ ކައުންސިލްގެ އިދާރާގައި ކަމަށެވެ.

އޭގެ އިތުރުން ފަނޑިޔާރުން ނެތް ރަށްރަށުގައި ކައުންސިލަރުންނަށް ހުވާލައިދޭ ފަނޑިޔާރު ވެސް ބައިވެރިވާނީ އޮންލައިންކޮށް ކަމަށް ޝަރީފް ވިދާޅުވިއެވެ.

މިފަހަރު ބޭއްވި އިންތިހާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބު ކޮށްފައި ވަނީ ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީންނެވެ. އެ ޕާޓީން 400 ގޮނޑި ކާމިޔާބު ކޮށްފައި ވާއިރު އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕީޕީއެމް އިން ވަނީ 325 ގޮނޑި ކާމިޔާބު ކޮށްފައެވެ.

ލޯކަލް ކައުންސިލް އިންތިހާބާ، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި 3814 ކެންޑިޑޭޓުން ވާދަކޮށްފައި ވެއެވެ. އޭގެތެރޭގައި ހިމެނެނީ ކައުންސިލް އިންތިހާބުގައި ވާދަކުރި 2234 ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރި 1580 ކެންޑިޑޭޓުންނެވެ.