ދުނިޔޭގެ އެންމެ ބޮޑު، އަނގަމަތި ހާ ޖަލުގެ ގޮތުގައި ސިފަކުރަމުން އަންނަ ފަލަސްތީނުގެ ގައްޒާއާ، ފަލަސްތީނުގެ ބިންތަކަށް ވެރިވެގެން އުޅޭ ޔަހޫދީ އިސްރާއީލާ ދެމެދު ރޮކެޓް ހަމަލާ ބަދަލުކޮށްފިއެވެ.

އަލް-އަގްސޯ މިސްކިތް ސަރަހައްދުގައި އިސްރާއީލުން ޖަރީމާ ހިންގާ، އެތައް ސަތޭކަ ބަޔަކު ޒަހަމް ކޮށްލުމުން، އެކަމުގެ ބަދަލު ހިފުމުގެ ގޮތުން ގައްޒާއިން އިސްރާއީލަށް ރޮކެޓް ހަމަލާ ދީފައި ވާއިރު، ގައްޒާގެ ރޮކެޓް ހަމަލާތަކުގެ ބަދަލުގައި، އިސްރާއީލުންވެސް ރޮކެޓް ހަމަލާ ދީފައި ވާ ކަމަށް ހަބަރު ލިބެއެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، އިސްރާއީލުން ދިން ރޮކެޓް ހަމަލާތަކުގައި ފަލަސްތީނުން 20 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. މީގެ ތެރޭގައި 9 ކުޑަކުދިންވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ގައްޒާގެ ރޮކެޓް ހަމަލާތަކުގައި އިސްރާއީލުން އެއްވެސް މީހެއްގެ ފުރާނަ ގެއްލުނު ކަމަކަށް ރިޕޯޓް ކޮށްފައެއް ނެތެވެ.

އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ވަނީ އަލް-އަގްސޯ މިސްކިތުގައި ބާރުގެ ބޭނުންކޮށް، ފަލަސްތީނުގެ ގިނަ އަދަދެއްގެ ބަޔަކު ޒަހަމްކޮށްފަ / ފޮޓޯ: އަލްޖަޒީރާ

ގައްޒާއިން އިސްރާއީލަށް ރޮކެޓް ހަމަލާ ދޭން ފެށީ، އަލް-އަގްސޯ މިސްކިތް ސަރަހައްދާއި، އިސްރާއީލުން ވެރިވެގެންފައިވާ ޝައިހް ޖައްރާ އަވަށް ދޫކޮށް ދިއުމަށް އިސްރާއީލަށް ގައްޒާއިން ދިން މުހުލަތު ހަމަވިތާ ކުޑަ ވަގުތުކޮޅެއް ފަހުންނެވެ.

ޝައިހް ޖައްރާގައި ދިރިއުޅެމުންދާ ފަލަސްތީނުގެ ރައްޔިތުން އެ މީހުންގެ ގަތަކުން ނެރުމަށް އިސްރާއީލުގެ ޔަހޫދީން ކުރަމުން އަންނަ މަސައްކަތުގެ ސަބަބުން، އިސްރާއީލާ ފަލަސްތީނުގެ ހީނަރު ގުޅުން މި ދުވަސްވަރު ވަނީ އިންތިހާއަށް ނުތަނަވަސް ވެފައެވެ. ސިލްސިލާ ގޮތެއްގައި ކުރިމަތިލުންތައް ހިންގަމުން އަންނައިރު، ފަލަސްތީނުގެ ރައްޔިތުން ފަރާތުން ކޯޓަށް ވެއްދި މައްސަލަ ފަސްކުރުމަށް އިސްރާއީލުގެ ކޯޓުން ނިންމާފައެވެ.

އަލް-އަގްސޯ މިސްކިތަށް އަމާޒުކޮށްގެން އިސްރާއިލުން ދެމުންދާ ހަމަލާތަކާ، އެ ސަރަހައްދުގައި ހިންގަމުންދާ ޖަރީމާތަކުގައި ފަލަސްތީނުން މިހާތަނަށް 500 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާއިރު، އިސްރާއީލުން އަނިޔާ ލިބުނު ކަމަށް ރިޕޯޓް ކޮށްފައިވަނީ 21 ފުލުހަކަށެވެ.

އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ވަނީ އަލް-އަގްސޯ މިސްކިތުގައި ބާރުގެ ބޭނުންކޮށް، ފަލަސްތީނުގެ ގިނަ އަދަދެއްގެ ބަޔަކު ޒަހަމްކޮށްފަ / ފޮޓޯ: އަލްޖަޒީރާ

ޝައިހް ޖައްރާގެ ގެތަކަށް އިސްރާއީލުގެ ޔަހޫދީން ވެރިވަމުން ދަނީ، އެކަމަށް ހިތްވަރުދޭ ޖަމިއްޔާއެއް ކަމަށްވާ ނަހަލަތު ޝިމޯންއިން ކުރަމުންދާ ވަކާލާތެއްގެ ސަބަބުންނެވެ. ނަހަލަތު ޝިމޯންއިން ބުނަމުން ދަނީ 1948 ވަނަ އަހަރުގެ ކުރިން، އެ ބިމުގެ ހަގީގީ ވަޒަންވެރިންނަކީ ޔަހޫދީ އާއިލާތަކެއް ކަމަށެވެ. އަދި އެ ބިމުގައި މިހާރު ދިރިއުޅެމުންދާ ފަލަސްތީނުގެ އާއިލާތަކުން އެތަން ދޫކޮށް، އިސްރާއީލުގެ ޔަހޫދީންނަށް އެ ބިން ދޭން ޖެހޭ ކަމަށެވެ. ނަހަލަތު ޝިމޯންއިން ހުއްޖަތުގެ ބާރެއްގެ ގޮތުގައި ބޭނުން ކުރަނީ 1970 ވަނަ އަހަރުގެ ގާނޫނެކެވެ.

ފަލަސްތީނުން ބުނަމުން އިސްރާއީލުގެ މިފަދަ ގާނޫނުތަކަކީ އިންސާފެއް ނެތް ގާނޫނުތަކެއް ކަމަށާ، އެއީ މުދާ މިލްކު ކުރުމަށް ގާނޫނީ އެއްވެސް ހައިސިއްޔަތެއް އޮތް އެއްޗެއް ނޫން ކަމަށެވެ.

އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ވަނީ އަލް-އަގްސޯ މިސްކިތުގައި ބާރުގެ ބޭނުންކޮށް، ގިނަ ބަޔަކު ޒަހަމްކޮށްލާފަ / ފޮޓޯ: އަލްޖަޒީރާ

އިންސާނީ ހައްގުތަކާ ބެހޭ އދގެ ހައިކޮމިޝަނަރުގެ އޮފީހުންވެސް ބުނީ، މި ގާނޫނު ތަންފީޒުކުރަން ޖެހެނީ ތަފާތު ކުރުން ބޮޑު އުސޫލަކުން ކަމަށެވެ. އަދި އިސްރާއީލުން ވެރިވެގެންފައިވާ ބިންތަކުގައި އިސްރާއީލުގެ ރައްޔިތުން ވަޒަންވެރި ކުރުވުމަކީ، އިންސާނިއްޔަތުކަމާ ބެހޭ ބައިނަލްއަގުވާމީ ގާނޫނުން މަނާ ކުރާ ކަމަކަށް ވެދާނެ ކަމަށެވެ. އަދި މި ކަމަކީ ހަނގުރާމައިގެ ޖަރީމާއަކަށްވެސް ވެދާނެ ކަމަށެވެ.