ކޮވިޑް-19ގެ ސަބަބުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަދާފައިވާ އުސޫލުތަކާ ހިލާފު މާލެއިން ގެސްޓްހައުސް އަކާއި 15 ވިޔަފާރިއެއް ފާހަގަކުރެވިފައި ވާ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
މިރޭ ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ 65 ގެސްޓްހައުސް އެއް އެޗްޕީއޭގެ ފަރާތުން އިންސްޕެކްޓްކުރި ކަމަށާއި އޭގެ ތެރެއިން ގައިޑްލައިންއާ ހިލާފުވެފައިވާ އެއް ގެސްޓްހައުސްއެއް އެޗްޕީއޭއިން ފާހަގަކޮށްފައިވާ ކަމަށެވެ.
އެގޮތުން އެ ގެސްޓްހައުސް ދެ ގަޑިއިރުގެ ތެރޭގައި ފާހަގަކުރެވުނު މައްސަލަތައް ހައްލުކުރުމަށް އަންގާފައިވާ ކަމަށާއި އެކަންކަންް ރަނގަޅު ނުކޮށްފިނަމަ ފިޔަވަޅު އެޅުމަށް ޓޫރިޒަމް މިނިސްޓްރީއަށް އަންގާފައިވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ.
މަބްރޫކު އިތުރަށް ވިދާޅުވީ ވިޔަފާރިތަކަށް ބަލާއިރު 40 ވިޔަފާރިކުރާ ތަނެއް މިއަދު ބަލާފައިވާ ކަމަށާއި އޭގެ ތެރެއިން 25 ތަނެއް ގައިޑްލައިން އާ އެއްގޮތަށް ކަންތައްތައް ރެވިފައިވާ ކަމަށާއި އަދި 15 ތަނެއްގައި ރަނގަޅުކުރަން ޖެހޭ ކަންކަން ފާހަގަކޮށް އެކަންކަން ކުރުުމަށް މިހާރު އަންގާފައިވާ ކަމަށެވެ. އަދި އެގޮތަށް އެކަން ނުކޮށްފިނަމަ ދެވަނަ ފަހަރު އެތަންތަނަށް ޖޫނިވަރާ އަންނާނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ.
އެޗްޕީއޭއިން ބުނީ އާއްމު ހިދުމަތްދޭ ތަންތަނުން އެއުސޫލުތަކާ އެއްގޮތަށް އަމަލުކުރަމުންދޭތޯ ބެލުމަށްޓަކައި ކުރިއަށްދާ އިންސްޕެކްޝަންގައި އުސޫލުތަކާ ހިލާފަށް އާއްމު ހިދުމަތްދޭކަން ފާހަގަ ކުރެވޭތަންތަނާއި މެދު ފިޔަވަޅު އެޅޭނެ ކަމަށެވެ.
އެގޮތުން އުސޫލާއި ހިލާފަށް ތަނުގައި ހިދުމަތްދޭނަމަ ފުރަތަމަ ފަހަރު ނަމަ 48 ގަޑިއިރަށް ތަން ބަންދު ކުރާނެއެވެ. އަދި ތަން އަލުން ހުޅުވޭނީ ބަންދުކުރާ ވަގުތުން ފެށިގެން 48 ގަޑިއިރުފަހުން ކަމަށް އެޗްޕީއޭ އިން މައުލޫމާތު ދެއެވެ.
ދެވަނަ ފަހަރު ނަމަ ތަން ބަންދު ކުރުމަށްފަހު 1000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށާއި ހުޅުވޭނީ ބަންދު ކުރާ ވަގުތުން ފެށިގެން 72 ގަޑިއިރު ފަހުން ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އަދި ތަން ބަންދު ކުރުމަށްފަހު 1000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށާއި ހުޅުވޭނީ ބަންދު ކުރާ ވަގުތުން ފެށިގެން 5 ދުވަސް ފަހުން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އެޗްޕީއޭއިން ގެންދަނީ ދޭތެރެ ދޭތެރެއިން އިންސްޕެކްޝަން ހިންގަމުންނެވެ.