މާލޭގައި މިވަގުތު ކޮވިޑް ކޭސްތައް އިތުރުވަމުން އަންނާތީ ކޮވިޑް ޓްރައޭޖް ފެސިލިޓީއެއްގެ ގޮތުގައި ފެކަލްޓީ އޮފް ހެލްތް ސައިންސަސް ހުންނަ އިމާރާތް ހަމަޖައްސައިފިއެވެ.

މިރޭ އެޗްއީއޯސީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މާލޭ ސަރަހއްދުގައި ކޮވިޑް ބައްޔަށް ޕޮޒިޓިވްވާ މީހުން ފަރުވާ ހޯދަން ދިއުމަށް ޓްރީއޭޖް ފެސިލިޓިއެއްގެ ގޮތުގައި ފެކަލްޓީ އޮފް ހެލްތް ސައިންސަސް ހަމަޖައްސާފައިވާ ކަަމށެވެ. އެ އިމާރާތުގައި މި ވަގުތު 2 ޑޮކްޓަރުންނާއި 2 ނަރުހުން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެ ތަނުން ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން ރޭގަނޑު 9 އަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ. ހަމައެއާއެކު އެ އިމްރާތުގެ އެސްޓީއޯގެ ފަރާތުން ވަނީ ފާމަސީއެއްވެސް ހުޅުވާފައި ކަމަށް މަބްރޫކް ވިދާޅުވިއވެެ.

ރާއްޖޭގައި މިވަގުތު ކޮވިޑް ބަލި އަންނަނީ ހަލުވި ކަމާއެކު ފެތުރެމުންނެވެ. މިހާރު 10،000 އިން މަތިން އެކްޓިވް ކޭސްތައް ރިޕޯޓު ކޮށްފައި ވާއިރު އެ ބަލި ޖެހިފައިވާ ކުޑަކުދިންގެ އަދަދު ވަނީ 238 އަށް އަރާފައެވެ. އަދި އުމުރން ދުވަސްވީ މީހުންގެ ތެރޭގައި 36 މީހަކު ހިމެނެއެވެ. މިއަދު އެކަނިވެސް ކޮވިޑްއަށް ޕޮޒިޓިވްވި މީހުންގެ އަދަދި 1204 އަކަށް ވަނީ އަރާފައެވެ.