އިސްރާއީލުގެ ސަލާމަތީ ބާރުތަކުން އަލް-އަގްސޯ މިސްކިތުގެ ގޯތި ތެރޭގައި ބާރުގެ ބޭނުންކޮށް، އެ މިސްކިތުގައި އަޅުކަމުގައި މަޝްހޫލުވެ އުޅުނު ފަލަސްތީނުގެ އެތައް ސަތޭކަ ރައްޔިތުންނެއް ޒަހަމްކޮށްލައިފިއެވެ.
އަގްސޯ މިސްކިތުގެ ގޯތިތެރޭގައި އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ވަނީ ރަބަރު ވަޒަނާ ގަރުނަ ގޭހުގެ ބާރުގެ ބޭނުން ކޮށްފައެވެ. މީގެ އިތުރުން ސައުންޑް ބޮން، ނުވަތަ އިދިކޮޅު ފަރާތުގެ ހިއްސުތައް ވަގުތީ ގޮތުން ކަނޑުވާ ވަރުގެ ބާރު ލިބިފައިވާ ސްޓަން ގްރެނޭޑްގެ ބާރުގެ ބޭނުން ކޮށްފައި ވާ ކަމަށްވެސް ހަބަރު ލިބެއެވެ.
ފަލަސްތީނުގެ ރެޑްކްރެސެންޓުން މައުލޫމާތު ދޭ ގޮތުގައި، ފަލަސްތީނުގެ އެތައް ސަތޭކަ ބަޔަކަށް އެކި ވަރުގެ ޒަހަމްތައް ލިބިފައި ވާއިރު، 50 މީހަކު ވަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައެވެ. ޒަހަމްވީ މީހުންގެ ތެރޭގައި ކުއްލި ހާލަތުގައި ސިއްހީ ފަރުވާދޭ މެޑިކްއެއްވެސް ހިމެނެއެވެ.
އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ބާރުގެ ބޭނުން ކުރުމުގެ ސަބަބުން، އެ ސަރަހައްދުގެ ހަބަރުތައް ކަވަރު ކުރަމުންދިޔަ 6 ނޫސްވެރިއަކަށްވެސް ކަރުނަ ގޭހުގެ އަސަރު ކޮށްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. އެއީ ފަލަސްތީނުގެ ނޫސްވެރިންތަކެއް ކަމަށް ހަބަރު ލިބެއެވެ. މީގެ އިތުރުން، އަންހެން ނޫސްވެރިއަކަށް، އިސްރާއީލުގެ ފުލުހުން، ޖިސްމާނީ ހަމަލާ ދީފައި ވާކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓް ކޮށްފައެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މަންޒަރުތަކަށް ބަލާއިރު އަލް ޤިބްލީ މިސްކިތުގައި ކަރުނަ ގޭސް ކެނިސްޓަރު ބޭނުން ކޮށްފައި ވާއިރު، އަލް-އަގްސޯ މިސްކިތުގައި އަޅުކަން ކުރިތިބި އަންހެނުންނަށް އަމާޒުކޮށް، ސްޓަން ގްރެނޭޑްގެ ބާރުގެ ބޭނުން ކުރިކަން ފާހަގަ ކުރަން ޖެހެއެވެ.
މިއަދަކީ އިސްރާއީލުން "ގުދުސް ދުވަހުގެ" ގޮތުގައި އިސްރާއީލުން ފާހަގަ ކުރަމުން އަންނަ ދުވަހެވެ. އެއީ އިސްރާއީލުން 1967 ވަނަ އަހަރު އިސްރާއީލުން އިރުމަތީ ގުދުސް ހިފި ދުވަހުގެ "މުނާސަބާ"ގައި އިސްރާއިލުގެ ޔަހޫދީން ފާހަގަ ކުރަމުން އަންނަ ދުވަހެކެވެ. ދުވަހާ ގުޅުވައިގެން އިސްރާއީލުގެ ޔަހޫދީން ދަނީ ބޮޑު ހިނގާލުމަކަށް ތައްޔާރު ވަމުން ކަމަށް މައުލޫމާތު ލިބެއެވެ.