ކޮވިޑު-19 އަށް ފަރުވާދެމުން ދިޔަ އިތުރު ދިވެއްސަކު މަރުވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ރޭ ފަތިހު އުމުރުން 75 އަހަރުގެ ދިވެހި އަންހެނަކު ކޮވިޑުގައި މަރުވެފައިވާ ކަމަށެވެ. އެ މީހާއަކީ މަރުވެފައި ވަނީ އައިޖީއެމްއެޗް އެމަޖެންސީ ރޫމަށް ގެނައިފަހުން 4:00 ހާއިރު ކަމަށްވެސް އެޗްޕީއޭން ބުނެއެވެ.
މިއީ މިދިޔަ 24 ގަޑިއިރު ތެރޭ އައިޖީއެމްއެޗްގެ އިމަޖެންސީއަށް ގެނައިފަހުން މަރުވި ދެވަނަ މީހާއެވެ. އިއްޔެ މަރުވެފައި ވަނީ އުމުރުން 51 އަހަރުގެ ދިވެހި އަންހެނެކެވެ.
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ފަހުން މަރުވި މީހުންގެ އަދަދު 85 އަށް އަރާފައި ވާއިރު، މިމަހު 7 ވަނަ ދުވަހު ކޮވިޑުގައި ތިން މީހަކު މަރުވެފައިވާއިރު މިމަހު 6 ވަނަ ދުވަހު 7 މީހުން މިބަލީގައި ވަނީ މަރުވެފައެވެ.
މިމަހު 7 ވަނަ ދުވަހު ފުރަތަމަ މީހާ މަރުވެފައިވަނީ ހެނދުނު 07:50 ގައެވެ. އެއީ އުމުރުން 37 އަހަރުގެ ބަންގަލަދޭޝް މީހެކެވެ. އެއަށްފަހު މެންދުރުފަހު 02:46 ހާއިރު އުމުރުން 81 އަހަރުގެ ދިވެހި އަންހެނަކު މަރުވެފައިވެއެވެ. އެ މީހާ މަރުވެފައިވަނީ ޑީއެޗް11ގައި ފަރުވާ ދެމުން ދަނިކޮށެވެ. އަދި ތިން ވަނަ މީހާ މަރުވީ އެރޭ 11:15 ހާއިރުއެވެ. އެއީ އައިޖީއެމްއެޗްގެ އިމަޖެންސީއަށް ގެނައި 83 އަހަރުގެ މީހެކެވެ. އޭނާ ހޮސްޕިޓަލަށް ގެނައި އިރުވެސް އެއްވެސް ހަރަކާތެއް ނުކުރާ ކަމަށް އެޗްޕީއޭން މައުލޫމާތު ދެއެވެ.
މިމަހު 6 ވަނަ ދުވަހު ކޮވިޑް ބަލީގައި 7 މީހަކު މަރުވެފައިވާ އިރު އެދުވަހުގެ ފަތިހު މަރުވީ އުމުރުން 77 އަހަރުގެ ދިވެހި އަންހެނެކެވެ. އެއަށްފަހު މެންދުރު 12:30 ހާއިރު އުމުރުން 83 އަހަރުގެ ދިވެހި އަންހެނަކު ވެސް ވަނީ މަރުވެފައެވެ.
ތިން ވަނަ މީހާ މަރުވެފައި ވަނީ އއ. ރަސްދޫއިންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ އުމުރުން ދުވަސްވީ އިންޑިއާ މީހެކެވެ. އަދި އެމީހާ މަރުވެފައި ވަނީ މެންދުރު ފަހުގެ ވަގުތެއްގައެވެ. އަދި ހަތަރު ވަނަ މީހާ މަރުވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލީޓިގައި ފަރުވާދެމުން ދަނިކޮށެވެ. އެއީ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފަސް ވަަނައަށް މަރުވެފައި ވަނީ ޅ. ނައިފަރު ކޮވިޑް ފެސިލީޓިގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 97 އަހަރުގެ އަންހެނެކެވެ.
ހަ ވަނަ މީހާ މަރުވެފައިވަނީ އެރޭ 09:35 ގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށެވެ. އެއީ އުމުރުން 88 އަހަރުގެ މީހެކެވެ. އަދި ހަތް ވަނަ މީހާ މަރުވެފައިވަނީ އެރޭ ދަންވަރު 03:47 ގައެވެ. އެއީ ޑީއެޗް11ގައި ފަރުވާ ދެމުންދިޔަ 60 އަހަރުގެ އިންޑީއާ މީހެކެވެ.
މިއީ އެއްދުވަހެއްގައި އެންމެ ގިނަ މީހުން ކޮވިޑު ބަލީގައި މަރުވި ދުވަހެވެ.