ކޮވިޑް ބަލިމަޑުކަމުން ރައްކާތެރި ވުމަށް ރާއްޖޭގައި ވެކްސިން ޖަހައިދެމުން އަންނަ އިރު މި ވަގުތު ހުރި ވެކްސިން ތަކުގެ ބާކީ އަދަދުތައް އެޗްއީއޯސީން ހާމަކޮށްފިއެވެ.

މިހާރު ކުރިއަށް ދާ އެޗްއީއޯސީގެ ނުސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މިހާރު ބާކީ ހުރީ ކޮވިޝީލްޑް ވެކްސިންގެ 1150 ޑޯޒް އާއި ސިނޯޕާމް ވެކްސިންގެ 75،500 ޑޯޒް އާއ ފައިޒާ ވެކްސިންގެ 4218 ޑޯޒް ކަމަށެވެ.

އިއްޔެ ކޮވިޝީލް ވެކްސިން މާލެ ސަރަހައްދުގައި ޖަހާފައި ނުވާ އިރު، ބަކީ މިވަގުތު ސްޓޮކް ގައި ހުރި ވެކްސިންގެ އިތުރަށް ރަށްރަށަށް ވެކްސިން ޖެހުމަށް ފޮނުވާފައިވާ ވެކްސިންގެ ތެރެއިން ކޮވިޝީލް ވެކްސިން ވަނީ 770 މީހުންނަށް ޖަހާފައި ކަމަށް މަބްރޫކް ވިދާޅުވިއެވެ. ހަމައެއާއެކު އިއްޔެ ސިނޯޕާމް ވެކްސިންގެ ފުރަތަމަ ޑޯޒް 226 މީހަކަށް އަދި އެ ވެކްސިންގެ ދެވަނަ ޑޯޒް 607 މީހަކަށް ޖަހާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި އިއްޔެ ފައިޒާ ވެކްސިން އެއްވެސް މީހަކަށް ޖަހާފައި ނުވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

މި މަހުގެ 6 ވަނަ ދުވަހު މާލޭގައި ވެކްސިން ސެންތާރުތައް ބަނދުކޮށްފައި އޮތުމަށްފަހު މިއަދު ވަނީ މާލޭ ސަރަހައްދުގައި ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒް އަދި ދެވަނަ ޑޯޒް ޖަހާފައެވެ. އެގޮތުން މިއަދު މާލެ ސަރަހއްދުގައި ވެކްސިން ޖަހައިދީފައި ވަނީ ނެޝަނަލް އާޓް ގެލެރީ އާއި ވިލިމާލެ ޔޫތު ސެންޓަރު އަދި ޓްރީ ޓޮޕް ހޮސްޕިޓަލުންނެވެ.