މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިންގި ބޮމުގެ ހާދިސާއަށް ފަހު ފޭސްބުކް ގައި އަލީ ޔާސިރު ނަމަކަށް ކިޔާ މީހަކު ޖެހި ސްޓޭޓަސް އަކުން އޭނާއަށް ބިރު ދައްކާ އެތައް ބަޔަކު އިންޒާރު ދޭން ފަށައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އަލީ ޔާސިރު ބުނީ، އޭނާ އަކީ ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިވާ މީހެއް ނޫން ކަމަށާއި އާދައިގެ ދިރިއުޅުމެއް އުޅެމުން އަންނަ މީހެއް ކަމަށެވެ. ވަގުތާއި ހާލަތަށް ބަލައި އޭރު މާލޭގައި ހިނގި ހާދިސާއަކާ ގުޅިގެން ޔާސިރު ޖެހި ސްޓޭޓަސްއެއްގެ ސަަބަބުން އޭނާއަށް އެތައް ބަޔަކު އިންޒާރު ދީ މެސެޖު ކޮށް ގުޅައި ހަދަމުން އަންނަ އިރު އިދިކޮޅު ޕީޕީއެމުން ނެރުނު ނޫސް ބަޔާނެއްގައި އޭނާ ޖެހި ސްޓޭޓަސްގެ މައްސަލަ ބަލައި ފިޔަވަޅު އަޅަން ގޮވާލާފައި ވާތީ އެކަމުގެ ކަންބޮޑުވުން އޭނާ ހިއްސާ ކުރިއެވެ.

މަޖާޒީ ގޮތަކަށް ޔާސިރު ޖެހި ސްޓޭޓަސްއާ ދެކޮޅަށް އެތައް ބަޔަކު އޭނާގެ އަގުވައްޓާލައި ޓެރަރިސްޓެއްގެ ގޮތުގައި ލޭބަލް ކުރަމުން އަންނާތީ އެ ސްޓޭޓަސް މިހާރު ވާނީ ފޭސްބުކް އިން ނަގާފައި ކަމަށް އޭނާ ބުނެއެވެ. އެ ސްޓޭޓަސްގައި އޭނާ ބުނެފައި ވަނީ، "ހަމަ ޖަލުން ނެރޭ އިރަށް ގޮއްވަން ފެށީ. ގޭގަ ބަހައްޓާފައި ގޮއްވާލަން ވަރަށް ރަނގަޅުވާނެ" މިއެވެ.

ޔާސިރު ފުރަތަމަ ޖެހި ސްޓޭޓަސް، މިހާރު މިސްޓޭޓަސް ވަނީ ރިމޫވް ކޮށްފައި

މީހެއްގެ ނަން ހާމަކޮށްފައި ނުވާ އެ ސްޓޭޓަސް އަށް އާންމުންގެ ގިނަ ބައެއްގެ ލޯތައް ހުއްޓިގެން ދިޔައިރު ގިނަ ބަޔަކު ބުނަމުން ދިޔައީ އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދީފައިވާ އިންޒާރެއް ކަމަށެވެ. އަނެއް ބަޔަކު ބުނީ އެއީ ޓެރަރިސްޓް މައްސަލަތަކުގައި ހައްޔަރު ކުރާ ބައެއް މީހުން ދޫކޮށްލާތީ، އެފަދަ މީހުން ނުކުމެ ތަންތަން ގޮއްވަން މަސައްކަތް ކޮށް ހިންގާ އަމަލުތަކާ ދެކޮޅަށް ޖަހާފައިވާ ސްޓޭޓަސް އެއް ކަމަށެވެ.

ޔާސިރު ބުނީ އެއީ އެއްވެސް ގޮތަަކަށް މީހަކަަށް ގެއްލުމެއް ދިނުމުގެ ނިޔަތުގައި ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ. ނަމަވެސް އޭނާގެ ފުރާނަ ދުއްވާލާނެ ކަމަށާއި "ހޭއަރުވާލަންވީ، ސައިޒު އޮޅިގެން އުޅޭނީ" ކަމަށް ބުނެ އެތައް ބަޔަކު މެސެޖު ކުރަމުން އަންނަ ކަމަށެވެ. މި ހިސާބަށް ކަންތައް ދިއުމުން އޭނާ ވަނީ އަމިއްލައަށް ފުލުހުންނަށް ގުޅާ އޭނާ ޖެހި ސްޓޭޓަސްއަކާ ގުޅިގެން މަސްލަހަތު ގޯސްވެފައިވާ މިންވަރު ހާމަކޮށް މައްސަލަ ވެސް ހުށަހަޅާފައެވެ. އަދި އޭނާއަކީ އެފަދަ އަމަލެއް ހިނގާނެ ފަދަ ގާބިލު ކަމެއް ހުރި މިހެއް ނޫން ކަމަށް ވެސް އޭނާ ބުނެއެވެ.

ޔާސިރު ޖެހި ސްޓޭޓަސްއާ ގުޅިގެން އިދިކޮޅު ސިޔާސީ ޕާޓީން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ، ރައީސް ޔާމީނަށް ޓެރަރިސްޓް ހަމަލާއެއް ދޭނެ ކަމަށް ބުނެ ފޭސްބުކް ގައި މީހަކު ޖަހާފައިވާ ޕޯސްޓްގެ މައްސަލަ ފުލުހުން ބަަލައި ދިނުމަށް އެދިފައިވާ ކަަމަށެވެ. އަދި މި ފަދަ މައްސަލަތަކަކީ ކުދިކުދި ކަންކަން ކަމުގައި ދެކިގެން މައްސަލަ ނުބަލައި ދޫކޮށްލައިފި ނަމަ މިއީ މިފަދަ ކަންކަން ކުރާ ފަރާތްތަަކަށް ލިބިގެން ދާނެ ހިތްވަރެއް ކަމުގައި އެ ޕާޓީން ބުނެއެވެ. އަދި އެ ޕާޓީން ވަނީ އަލީ ޔާސިރުގެ ނަމުގައި ފޭސްބުކް އެކައުންޓް ހަދައިގެން އުޅޭ ފަރާތް ހޯދާ އޭނާ ހައްޔަރުކޮށް ގާނޫނީ ގޮތުން އޭނާއާ މެދު ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.

ޔާސިރު ސްޓޭޓަސްއެއް ޖަހާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި ބޮމެއް ގޮއްވާލި ހާދިސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަނިޔާވެފައި ވަނިކޮށެވެ.