ރާއްޖޭގައި މިވަގުތު ހަލުވި ކަމާއެކު ކޮވިޑް ބަލިމަޑުކަން ފެތުރެމުންދާތީ ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުގައި ދެކުނު އޭޝިއާގެ ގައުމުތަކާއި ސަރަހައްދުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިން މީހުން ދިރިއުޅޭ ރަށްރަށްރަށް ދިއުން ހިއްޓާލުމަށް އަންގައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ކުރި އިއުލާނެއްގައި ބުނީ، ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ސިއްހަތް ރައްކާތެރިކުރުމަށްޓަކައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސިއްޔަތުން ލިބިފައިވާ ބާރުގެ ދަށުން، ދެކުނު އޭޝިއާގެ ގައުމުތަކާއި ސަރަހައްދުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިން، މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓައިލުމަށް އަނަގާ ކަމަށެވެ. ހަމައެއާއެކު ދެކުނު އޭޝިއާގެ ގައުމުތަކާއި ސަރަހައްދުތަކުން ވޯކްޕާމިޓް ހޯލްޑަރުން ދިވެހިރާއްޖެއަށް އެތެރެވުން ހުއްޓައިލުމަށް ވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

މި ފިޔަވަޅަށް އަމަލު ކުރަން ފަށާނީ މާދަމާއިން ފެށިގެން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މި ފިޔަވަޅުތައް އެގޮތަށް އެޅުމަށް އަންގައިފައި ވިޔަސް، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ކަނޑައަޅުއްވާ ހާއްސަ ހާލަތްތަކުގައި، އެ ގޮތަށް އަމަު ކުރެވޭނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އަދި މި ފިޔަވަޅުތައް ތަންފީޒު ކުރުމުގައި ވަގުތާއި ހާލަތަށް ރިއާޔަތްކޮށް، އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނީ ދިވެހި ފުލުހުންގެ ހިދުމަތާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

މީގެ އިތުރުން މި ފިޔަވަޅުތައް ތަންފީޒުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލު ކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގާ ކަމަށާއި މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް ވެސް އެންމެހައި ފަރާތްތަކަށް އަންގާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ފާއިތުވީ ތިން ދުވަހުވެސް ރާއްޖޭގައި ކޮވިޑް ކޭސްތައް ރިޕޯޓް ކުރަމުން އަންނަ އަދަދު އުޅެނީ 700 އިން މަތީގައެވެ. ކޭސްތައް މަތިވަމުން އަންނަ މި ދަނޑިވަޅުގައި ރައްކާތެރިވުމުގެ ގޮތުން އެކި ފިޔަވަޅުތައް ވަރުގަދަކޮށް އާންމުން މި ބަލިން ރައްކާތެރިވުމަށް ސިއްހީ މާހިރުން އަންނަނީ ނަސޭހަތްތެރިވަމުންނެވެ.