ރައީސް މުހައްމަދު ނަޝީދު ހޮސްޕިޓަލަށް ގެނައި އިރު ވަރަށް ބޮޑަށް ލޭ އަންނަ ކަމަށް އޭޑީކޭން ބުނެފިއެވެ. އޭޑީކޭން އެހެން ބުނީ މިހާރު ކުރިއަށް ޕްރެސްގައެވެ.
ޑރ. އަބްދުﷲ ނިޔާފް ވިދާޅުވެފައި ވަނީ ރައީސް ނަޝީދު އެންމެ ފުރަތަމަ އޭޑީކޭ ހޮސްޕިޓަލަށް ގެނައީ 08:30 ހާއިރު ކަމަށާ، ހަމަ އެވަގުތުން ފެށިގެން އީއާރުގައި ފަރުވާދޭން ފެށި ކަމަށެވެ.
އެންމެ ފުރަތަމަ ނަޝީދުއަށް ފަރުވާ ދީފައި ވަނީ ޗީފް ހެލްތް އޮފިސާ ޑރ. އަބްދުﷲ ނިޔާފްއާ، ހޭނައްތާ ޑޮކްޓަރު ޑރ. ދުސޫމާ އަބްދުލް ރައްޒާގާއި އޮޕަރޭޝަން ޑޮކްޓަރު ޑރ. އަހުމަދު ނިޝާންއެވެ.
ޑރ. ދުސޫމާ ވިދާޅުވެފައި ވަނީ އެންމެ ފުރަތަމަ ކޮންޝަސް ލެވެލް ހުރި މިންވަރު ބަލާލަން ރައީސް ނަޝީދުއާ އެކި އެކި ސުވާލު ކުރެއްވި ކަމަށާއި ހުރިހާ ސުވާލަކަށްވެސް ރަނގަޅަށް ޖަވާބު ދެއްވުމުން ކޮންޝަސް ލެވެލް ރަނގަޅު ކަމަށް ނިންމެވި ކަމަށެވެ. ދެން ޕްރައިމަރީ ސާވޭއެއް ހަދާ ބެލި ބެލުމުން ހަށިގަނޑުގެ އެކި ތަންތަނުން ލޭ އަންނަކަން ފާހަގަވި ކަމަށާ އެންމެ ރަނގަޅު ގޮތް ކަމަށް ފެނުނީ ވަގުތުން އޮޕަރޭޝަން ތިއޭޓަރަށް ބަދަލު ކުރުން ކަމުގައި އޭނާ ވިދާޅުވިއެވެ. އެގޮތުން އޭޑީކޭ އީއާރް އަށް ގެންދިޔަތާ 10 މިނެޓު ތެރޭ އޮޕަރޭޝަން ތިއޭޓަރަށް ބަދަލު ކުރި ކަމަށް ޑރ. އަބްދުﷲ ނިޔާފް ފާހަގަ ކުރެއްވިއެވެ.
މިއަދު އޭޑިކޭ ހޮސްޕިޓަލުން ވަނީ ރައީސް ނަޝީދަށް ލިބިވަޑައިގެންފައި ހުރި އަނިޔާތަކާއި ފަރުވާ ދިން ގޮތާއި، މިހާރުގެ ހާލަތު މީޑިއާތަކަށް ކިޔައިދިފައެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 8:27 ގައި ދިން ޓެރަރިސްޓް ހަމަލާގައި ނަޝީދުގެ އިތުރުން 5 މީހަކު ޒަހަމްވިއެވެ. އޭގެ ތެރޭގައި ނަޝީދުގެ ކުރިއާއި ފަހަތުގައި ތިބި ބޮޑީގާޑުންނާއި އާންމުން ހިމެނެއެވެ. ނަމަވެސް އެއިން އެއްވެސް މީހަކަށް އެހާ ބޮޑު އަނިޔާއެއް ނުލިބެއެވެ. އެމީސް މީހުންނަށް ލިބިފައި ހުރި އަނިޔާތަކުގެ ތެރޭގައި ބޮން ގޮވުމުގެ ސަބަބުން ބުރައިގެން ދިޔަ ރޭޒާފުއްތައް އަތުގައާއި ފައިގާ ޖެހި ހަލާކުވެފައި ވެއެވެ.