ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މޭ 06، 2021 ވަނަ ދުވަހުގެ ރޭ ދިން ހަމަލާއާ ގުޅޭ ހެއްކާއި މައުލޫމާތު ހިއްސާކުރެވޭނެ އޮންލައިން ޕޯޓަލްއެއް ފުލުހުން ގާއިމުކޮށްފިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން އެ ހަމަލާއާ ގުޅިގެން ފުލުހުން ވަނީ އެ ހަމަލާއާ ބެހޭ އެއްވެސް މައުލޫމާތެއް ނުވަތަ ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ނުވަތަ ލިޔެކިޔުމެއް ވާނަމަ ފުލުހުންނާ ވީ އެންމެ އަވަހަކަށް ހިއްސާކޮށްދިނުމަށް އެދިފައެވެ. އެފަދަ މައުލޫމާތެއް އޮތްނަމަ، ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި މައުލޫމާތު ފޮނުވާ ފަރާތުގެ ސިއްރުކަން ހިފަހައްޓާނެ ކަމުގެ ޔަގީންކަންވެސް ފުލުހުން ވަނީ ދީފައެވެ.

ރައީސް ނަޝީދާ އަމާޒުކޮށް އައިއީޑީއެއް ގޮއްވާލައިގެން ދީފައިވާ ޓެރަރިސްޓް ހަމަލާގައި ރައީސް ނަޝީދަށް ވަނީ އެކިވަރުގެ ޒަހަމްތައް ލިބިފައި ވެއެވެ. މި ޒަހަމްތަކަށް ފަރުވާ ދިނުމުގެ ގޮތުން އޭޑީކޭގައި ވަނީ އޮޕަރޭޝަންތަކެއް ކޮށްފައެވެ. މި ޓެރަރިސްޓް ހަމަލާގައި ރައީސް ނަޝީދުގެ އިތުރުން، އިތުރު 05 މީހަކަށް ވެސް އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

06 މޭ ވަނަ ދުވަހުގެ ރޭ ގޮއްވާލާފައި ވަނީ މީގެ ކުރިން ސަލްޓަންޕާކު ގޮއްވާލި ބޮމަށްވުރެ ބާރުގަދަ ބޮމެއްކަމަށް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދީފައެވެ. އަދި މި ހަމަލާއާއި ގުޅޭ 4 މީހަކު ފާހަގަ ކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.