އިއްޔެ ރޭ 8:27 ގައި ބާރުގަދަ ބޮމެއް ގޮއްވާލީ ސީދާ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ކަމަށް ނުބުނަން ވީ ކީއްވެހެއްޔެވެ؟ މިހާތަނަށް ސަލާމަތީ ބާރުތަކުން ހާމަ ކުރި މައުލޫމާތުތަކަށް ބުރަވާ އިރު، އެ ހަމަލާއަކީ، އިއްޔެ އަކު ނުވަތަ އިހަށް ދުވަހަކު ރައީސް ނަޝީދު ދެއްކެވި ވާހަކައަކާ ގުޅިގެން ކުއްލިއަކަށް ރޭވި ހަމަލާއެއް ނޫނެވެ.
އިއްޔެ ރޭ ރައީސް ނަޝީދަށް ހަމަލާ ދިނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަކައާއި އެކަމުގައި ބައިވެރިވާ މީހުންގެ ލިސްޓް ލިބިވަޑައިގެންފި ކަމަށް ވިދާޅުވިތާ 6 ގަޑިއިރު ތެރޭގައެވެ. ރޭގެ ހަމަލާއަކީ، އެކަމާ ގުޅުން ހުރި ހަމަލާއެއް ކަމަށް ނުބެލެވެނީ، އެ ވާހަކަފުޅާ ގުޅުވައިގެން އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ ހަމަލާ ރާވާލެވިދާނެ ކަމަށް ގަބޫލު ނުކުރެވޭތީއެވެ.
އަނެއް ވާހަކައަކީ، އެ ހަމަލާ ދިނުމުގައި 4 މީހަކު ބައިވެރިވާ ކަމަށް ބެލޭ ވާހަކަ ފުލުހުން ބުނުމެވެ. ފުލުހުންގެ އެވާހަކައިން ސާފުވާ ކަމަކީ، އެ ހަމަލާއަކީ ދުރާލާ ރޭވިގެން އިންތިޒާމް ކުރަމުން ގެންދިޔަ ކަމެއް ކަމަށެވެ. އެހެން ނޫންނަމަ، 3-4 މީހަކު ބައިވެރިވެ 6 ގަޑި އިރު ތެރޭގައި ވެސް އެވަރުގެ ބޮމެއް ނުހެދޭނެއެވެ.
އެމްއެމްޑީއެފްގެ ޗީފް އޮފް ޑިފެންސްް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެފައި ވާ ވާހަކަތަކަށް ބަލާއިރުވެސް އެ ހަމަލާ އަކީ ދުރާލާ ރާވާފައިވާ ހަމަލާއެއްކަން ވަރަށް ސާފެވެ. ޝަމާލް ވިދާޅުވެފައި ވަނީ އެ ހަމަލާ ދިނުމަށް ބޭނުން ކުރި ބޮމުގައި ގިނަ އަދަދެއްގެ ރޭޒާ ފުކާއި އެނޫންވެސް އެފަދަ ބޮންތަކުގައި ބޭނުންކުރާ ތަކެތި ހުރި ކަމަށެވެ. އަދި އެ ބޮން ޑިޒައިން ކޮށްފައި ހުރީ، ގޮވާ އިރު އޭގެ ތެރޭގައި ހުންނަ ތަކެތި ދިމާ މައްޗަށް އަރާ ގޮތަށް ކަމަށެވެ. ބޮން ގޮއްވާލި ތަނުގައި ހުރި ފިހާރައިގެ ސީލިންއަށް ލިބިފައި ހުރި ގެއްލުންތައް ވަޒަން ކޮށްލެއްވުމުން އެކަން ސާބިތުވާ ކަމަށްވެސް ޝަމާލް ވިދާޅުވިއެވެ.
މިހާތަނަށް ލިބޭ އެންމެ ބާރު ހުރި ހެކި
ރޭ އެ ބޮން ގޮއްވާލި މީީހުން ނުވަތަ އެކަމުގައި ބައިވެރިވާ މީހުން އަދި ހޯދިފައި ނުވިޔަސް، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވަނީ ބޮން ގޮއްވާލި މީހާ ކަމަށް ބެލެވޭ މީހެއްގެ ފޮޓޯ އާންމު ކުރައްވާފައެވެ. އޭނާ ވިދާޅުވެފައި ވަނީ ހާދިސާ ހިނގިތާ ވަގުތު ކޮޅެއްގެ ތެރޭގައި އޭނާ ސީން އަށް ވަޑައިގެން ކަންކަން ބެއްލެވި ކަމަށާއި، މީހުންނާ ވާހަކަ ދައްކަވާ ބޮން ގޮއްވާލި ނީލޯފަރުމަގާއި މަޖީދީ މަގު ގުޅޭ ކަންމައްޗަށް ވާ ގޮތަށް މަޖީދީ މަގުގެ އަނެއް ފަރާތުގައި ހުންނަ އަތަމާ ޕެލަސް އަށް ވަދެ ވަޑައިގެން އެތާގެ ސީސީ ޓީވީ ބައްލަވާ ޝައްކު ކުރެވޭ މީހާ ދެނެގަނެފައި ވާ ކަމަށެވެ. އަދި ބޮން ގޮއްވި ކަމަށް ބެލެވޭ މީހާ އަކަން ކުރި ގޮތްވެސް ބޮންޑޭ ވިދާޅުވެ ދެއްވައެެވެ.
ބޮންޑޭ ވިދާޅުވެފައި ވަނީ ބޮން ގޮއްވި މީހާ ރިމޯޓެއް ފަދަ އެއްޗެއް ބޮން ގޮއްވިތަނަށް އެއްލާލިތަން އެ ފްޓޭޖުން އޭނާއަށް ފެނިވަޑައިގެނެ ފުލުހުންނަށް ވުރެ ކުރިން ވަޑައިގެން ބެއްލެވި އިރު ރިމޯޓެއް ފަދަ އެއްޗެއް އޮތް ކަމަށެވެ. އަދި އޭނާ ގޮސްފައި ވާ ކަމަށް ބެެލެވޭ މަގުތައް ބެއްލެވި އިރު ބާ އިންޖީނުގެ ހުރި މަގުން ދުވެފައި ދާ މަންޒަރުވެސް ސީސީޓީވީން ފެނިވަޑައިގަންނަވާ ކަމަށެވެ.
ހާދިސާ ހިނގި ގޮތް
ރައީސް ނަޝީދު ރޭ ގ. ކެނެރީގެއިން ނުކުމެވަޑައިގަތީ ކައިރި ރަށެއްގައި އޮތް ހަފްލާއަކަށް ވަޑައިގަންނަވާށެވެ. ކުރިން އިންތިޒާމް ކުރެވި ސެކިއުރިޓީވެސް ހަމަޖެހިގެން ވަޑައިގަން އިރު ނަޝީދުގެ ކުރިފުޅުމަތީގައާއި ފަހަތްޕުޅުގައި ސެކިއުރިޓީން ތިއްބެވެ. އޭރު ނަޝީދުގެ ކާރުކޮޅު އޮތީ، ނީލޯފަރު މަގުން މަޖީދީ މަގަށް ވާ ކަންމަތީ މަޖީޖީމަގުގައި ހުޅަނގުން އިރަށް ވާއަތް ފަރާތުގައެވެ.
ނަޝީދު ކާރަށް އަރާވަޑައިގަތުމަށް ސެކިއުރިޓީ ކާރުކޮޅުގެ ދޮރު ހުޅުވާލުމާއެކު ނަޝީދު ކާރަށް އަރާވަޑައިގަންނަވަން އުޅުއްވި ވަގުތަކީ ނަޝީދު އަވަހާރަ ކޮށްލަން ހަމަލާ ދިން ވަގުތެވެ. އޭރު އެ ކާރުކޮޅާ ދާދި ގާތުގައި ޕާކު ކޮށްފައި ހުރި ސައިކަލް ގޮއްވާލީއެވެ. އެ ސައިކަލުގައި ޓެރަރިސްޓުން އޮތީ ބޮން ހަރުކޮށްފައެވެ.
ބޮން ގޮއްވާލުމާއެކު ނަޝީދު ބިންމައްޗަށް ވެއްޓިވަޑައިގަތެވެ. އަދި ސެކިއުރިޓީންވެސް ވެއްޓުނެވެ. ދެ ސެކިއުރިޓީއަށް އަނިޔާވި އިރު ނަޝީދުގެ ވާތްޕުޅު ފަރާތުން ހަމަލާ އަމާޒުވެ އެމަނިކުފާނުވެސް ޒަހަމްވިއެވެ. އޭރު ކާރުގެ ޑްރައިވަރުވެސް ކުޑަކޮށް ޒަހަމްވިއެވެ. އަދި އެސަރަހައްދުން ދިޔަ އާންމުންގެ މީހަކާއި ބޭރު މީހަކުވެސް ޒަހަމްވިއެވެ.
ހަމަލާ ދިނީ ރޭ ގަޑިން 8:27 ގައެވެ. ހަމަލާ ދިން މީހުން ނުވަތަ މީހާ ފިލާ ރައްކާވި އިރު އެކަން އެއްވެސް މީހެއްގެ ސަމާލުކަމަށް އެގަގުތަކު ނާދެއެވެ. އެވަގުތު ސެކިއުރިޓީ އަވަސްވެ ގަތީ ނަޝީދަށް ފަރުވާ ދިނުމަށް އެންމެ ކައިރި ހޮސްޕިޓަލަކަށް ގެންދިއުމަށެވެ. ނަޝީދު އޭޑީކޭގެ އިމަޖެންސީއަށް ގެންދިޔައީ ރޭ 8:35 ގައެވެ.
ހަމަލާގެ ބޭނުން
ރައީސް ނަޝީދަށް ދިން ހަމަލާއަކީ، އެމްއެމްޕީއާރުސީގެ ވާހަކަ އާ ގުޅުން ހުރި ހަމަލާއެއް ކަމަށް ނުބެލެވޭ އިރު ދެން އެ ހަމަލާގެ ބޭނުމަކީ ކޮބާހެއްޔެވެ. ދީނީގޮތުން ހަރުކަށި ފިކުރުގެ މީހުންގެ ވާހަކަ ނަޝީދު ދެއްކެވުމަކީ އެހަމަލާގެ އަމާޒު ކަމަށް ވާނަމަ، ނަޝީދު އެވާހަކަފުޅެއް ދައްވަނީ އިއްޔެއަކު މިއަދަކު ނޫނެވެ. އަނދިރި ދައުލަތެއްގެ ވާހަކައާއި ހަރުކަށި ފިކުރުގެ ވާހަކައާއި "އޯލްޓަނޭޓިވް ނެރޭޓިވް" ގެ ވާހަކަ އަކީ ބާ ވާހަކަތަކެކެވެ. ދެން އޮތީ ސިޔާސީ ބާރުވެރިކަމާ ގުޅުވާލުމެވެ. އެކަމަށް ބަލާނަމަ، މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ތާއީދު ނަޝީދަށް އޮތް ކަމަކަށް ނުބެލެވެއެވެ. ނަޝީދު ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީގެ ތެރޭގައި ލީޑާޝިޕް ކޯޅުން ބޮޑެވެ. ޕާޓީގެ އިތުރުން ރައްޔިތުންގެ ތެރޭގައި ނަޝީދުގެ "ޕޮޕިއުލަރިޓީ" ދަށަށް ދާތަން ފެނެއެވެ. ނިމިދިޔަ ކައުންސިލް އިންތިހާބުގެ ނަތީޖާއަކީ އެކަމަށް ބާރުދޭ ސާފު ހެތްކެކެވެ. ސިޔާސީ ގޮތުން ބާރު ހޯދުމުގެ ވާދަވެރިކަމެއްގެ ތެރޭގައި އެންމެން އުޅޭ އިރު، ރައީސް ނަޝީދާ ވާދަވެރި އެތައް ބަޔަކު އެބަ ފެނެއެވެ. މިހާރު އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބަށް ކުރިމަތިލާ މީހުންނަށް ބަލާލުމުންވެސް އެކަން ފެންނާނެއެވެ. އެއް ބަޔަކީ ރައީސް ސޯލިހަށް ތާއީދު ކުރާ މީހުން ކަމަށް ވާއިރު އަނެއް ބަޔަކީ ރައީސް ނަޝީދުގެ ސަޕޯޓަރުންނެވެ.
ހަމަލާ ދިން ގޮތާއި ހަމަލާ ދިނުމުގައި ބޭނުން ކުރި ބޮމާއި އާލާތްތަކަށް ބަލާއިރު، ހަމަލާ ދިނީ، ކުރިން މި ދެންނެވި ސަބަބުތަކުގެ ތެރެއިން ކޮން ސަބަބަކާ ހުރެކަން ނިންމަން ދައްޗެވެ. ރައީސް ނަޝީދަކީ ރާއްޖޭގައި ހުންނެވި އެންމެ ހައި ރިސްކް ބޭފުޅާ ކަމަށް ވާއިރު، ހަމަލާގެ މަގުސަދާއި ސަބަބު އެތައް ކަމަކާ ގުޅުވާލެވިދާނެއެވެ. އެހެން ނަމަވެސް ސާފުވާ ކަމަކީ މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު އެ ހަމަލާ ދިނީ ސީދާ ނަޝީދު އަވަހާރަކޮށްލަން ކެމެވެ.
ޝައްކެތްވެސް ނެތް. އަވަހާރަކޮށްލަން ދިން އެތިފަހަރެއް ތީ. އެބަޔަކު ހޯދާ އެންމެ ހަރުކަށި އަދަބު ދޭން ޖެހޭނެ. އެހެން މިތާގައި ގައްޑާވެފައި ގޮއްވަ ގޮއްވާފަ އުޅެވިގެން ނުވާނެ