ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކާރުގައި ގެންދިޔައިރު ސެކިއުރިޓީ އާ ވާހަކަ ދެއްކެވި ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.

މިރޭ އެމްއެންޑީއެފުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ، ހާދިސާ ހިނގި ވަގުތު އެމަނިކުފާނު ޒަހަމުވެގެން ކާރުކޮޅުގައި ހޮސްޕިޓަލަށް ގެންދެވުނު އިރު ވެސް އެމަނިކުފާނު ވާހަކަ ދައްކަވަމުން ގެންދެވި ކަމަށެވެ. އެގޮތުން އެވަގުތު ރަައީސް ނަޝީދު ކައިރީ ކިިހިނެތްތޯ ސުވާލުކުރުމުން ޒަހަމުވެފައިވާ އެދަނޑިވަޅުގައި ވެސް ވިދާޅުވަމުން ގެންދެވީ ރަނގަޅު ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވަނީ އެދަނޑުުވަޅުގައި ރައީސް ނަޝީދުގެ ބޮޑީ ގާޑުންގެ ގޮތުގައި ހަރަކާތްތެރިވި ސިފައިންގެ ހިދުމަތުގެ ބޭފުޅުން ދެއްކެވި ހިތްވަރު ފާހަގަކުރައްވާ ޝުކުރު ދަންނަވާފައެވެ. މީގެ އިތުރުން ރައީސް ނަޝީދަށް ހަމަލާ ދިން މީހުން ދިމާލަށް، ޔުނިފޯމް އެޅި މީހުން ދާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ. އެ ހަމަލާ ދިން މީހުން އެކަން ވިސްނަން ޖެހޭނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މީހުން ބިރުގަންނަވައިގެން އުޅެން އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ. އެކަން އެގޮތަށް ވިޔަނުދިނުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ސިފައިން ކުރާނެ ކަން ޔަގީންކަން ދެއްވާ ކަމަށް މާރިޔާ ވިދާޅުވިއެވެ. އެ ނުރައްކާތެރި ހަމަލާ ދިން މީހުން ހޯދާ އިންސާފުގެ ކުރި މައްޗަށް ގެނައުމަށް ސިފައިންނާއި ފުލުހުންނާއި މުޅި ރައްޔިތުން ތެދުވަން ޖެހޭ ކަމަށް މާރިޔާ ވިދާޅުވިއެވެ.

ރޭ ރައިީސް ނަޝީދުގެ ކާރުކޮޅު ކައިރީގައި އެއްޗެއް ގޮއްވާލާފައި ވަނީ ރޭ 8:30 ހާއިރު އެމަނިކުފާނު ކާރުކޮޅަށް އަރައިވަޑައިގަންވަނިކޮށެވެ. މި ހާދިސާގައި ނަޝީދުގެ އިތުރުން 5 މީހަކަށް އަނިޔާވެފައި ވީ ނަމަވެސް އެފަރާތްތަކަށް ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލާފައެވެ. އޭގެތެރޭގައި 3 ސިފައިންނާއި ދިވެއްސަކާއި ބިދޭސީއެއް ހިމެނެއެވެ.

ނަޝީދުގެ ކާރުކޮޅު ކައިރީގައި ބާރުގަދަ އެއްޗެއް ގޮއްވާލައި ދިން ހަމަލާއާ ގުޅިގެން ރެއިން ފެށިގެން އެމަނިކުފާނަށް އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އޭޑީކޭ ބުނީ ފާއިތުވި 16 ގަޑިއިރުގެ ތެރޭގައި ނަޝީދުގެ ބޮލަށާއި، މެޔަށް، ބަނޑަށް އަދި އަތަށާއި ފަޔަށް ލިބިފައިވާ ޒަހަމްތަކުގެ ސާޖަރީތައް ހަދާފައިވާ ކަމަށެވެ. އަދި ނަޝީދު އަދިވެސް އޮންނެވީ ކްރިޓިކަލް ހާލަތެއްގައި ކަމަށް އޭޑީކޭއިން ވަނީ ބުނެފައެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނެފައި ވަނީ ހޮސްޕިޓަލަށް ގެންދިޔަ ފަހުން މިހާތަނަށް ކާމިޔާބު ކަމާއެކު ގިނަ އޮޕަރޭޝަންތަކެއް ކުރެވިފައިވާ ކަމަށެވެ.