ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަޓިސްޓް ހަމަލާ އާ ގުޅިގެން މިރޭ އެމްއެންޑީއެފުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

އެމްއެންޑީއެފުން ބުނީ އެ ޕްރެސް ބޭއްވުމަށް ހަމަޖެހިފައި ވަނީ މިރޭ 09:30 ގައި ކަމަށެވެ.

އެހާދިސާއާ ގުޅިގެން އެމްއެންޑީއެފްގެ ސެކިޔުރިޓީ ވަރުގަދަކޮށް، އެލާޓް ސްޓޭޓަސް މަތިކޮށްފައެވެ. އަދި ފުލުހުންގެ ހިދުމަތުގެ އެލާޓް ލެވެލް، ލެވެލް 3 އަށް މަތިކޮަށް ބޮޑު އިސްކަމެއްދީގެން ތަހުގީގުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ނަޝީދުގެ ކާރުކޮޅު ކައިރީގައި ބާރުގަދަ އެއްޗެއް ގޮއްވާލައި ދިން ހަމަލާއާ ގުޅިގެން ރެއިން ފެށިގެން އެމަނިކުފާނަށް އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އޭޑީކޭ ބުނީ ފާއިތުވި 16 ގަޑިއިރުގެ ތެރޭގައި ނަޝީދުގެ ބޮލަށާއި، މެޔަށް، ބަނޑަށް އަދި އަތަށާއި ފަޔަށް ލިބިފައިވާ ޒަހަމްތަކުގެ ސާޖަރީތައް ހަދާފައިވާ ކަމަށެވެ. އަދި ނަޝީދު އަދިވެސް އޮންނެވީ ކްރިޓިކަލް ހާލަތެއްގައި ކަމަށް އޭޑީކޭއިން ވަނީ ބުނެފައެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނެފައި ވަނީ ހޮސްޕިޓަލަށް ގެންދިޔަ ފަހުން މިހާތަނަށް ކާމިޔާބު ކަމާއެކު ގިނަ އޮޕަރޭޝަންތަކެއް ކުރެވިފައިވާ ކަމަށެވެ.

ރޭ ނަޝީދުގެ ގެކޮޅު ސަރަހައްދުގައި ހިނގި މި ހާދިސާގައި ވަނީ 6 މީހަކަށް އަނިޔާވެފައެވެ. އެ ގޮތުން އެމްއެންޑީއެފްގެ ތިން މީހަކު ހިމެނެއެވެ. އެކަކަށް އައިޖީއެމްއެޗްގައި ފަރުވާ ދީފައިވާ އިރު އަނެއް ދެމީހުންނަށް ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ. މިހާރު މި އެންމެން ވެސް ވަނީ ދޫކޮށްލާފައެވެ. މީގެ އިތުރުން ދިވެހި ފިރިހެނަކާއި ބިދޭސީ އަކަށް ވެސް މި ހާދިސާގައި އަނިޔާވެ ވަނީ އޭޑީކޭން ފަރުވާ ދީފައެވެ.

ރޭގެ ހަމަލާ ދީފައިވަނީ ސީދާ ނަޝީދުގެ ފުރާނައަށް ގެއްލުންދޭން ކަމަށާއި މިއީ ޓެރަރިސްޓު ހަމަލާއެއް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު (ސީޕީ) މިއަދު ވަނީ ވިދާޅުވެފައެވެ. އަދި މި ހަމަލާއާ ގުޅިގެން ހަތަރު މީހަކު ފާހަގަކުރެވިފައިވާ ކަމަށާއި ބޭރުގެ ފަރާތްތަކާ ގުޅިގެން ތަހުގީގު ކުރިއަށްދާ ކަމަށް ސީޕީ ވިދާޅުވިއެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުން އަންނަ އިރު މައްސަލަ ތަހުގީގުކުރުމަށް އޮސްޓްރޭލިއާގެ ފެޑްރަލް ޕޮލިސް ގެނައުމަށް ނިންމާފައިވާކަން ރައީސް އިބްރާހިމް މުހައްމަދު ސޯހިހް ވަނީ ރޭ ދަންވަރު އިއުލާނު ކުރައްވާފައެވެ.