ރާއްޖޭގައި ކޮވިޑުގެ އަދަދުތައް އިތުރުވަމުންދިއުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލޭ ސަރަހައްދުގެ ޔުނިވާސިޓީތަކާއި ކޮލެޖުތަކުގައި އޮންލައިންކޮށް ކިޔަވައިދިނުމަށް އަންގައިފިއެވެ.
އެޗްޕީއޭއިން ނެރުނު އެންގުމުގައި ބުނީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ލިބިދޭ ބާރުގެ ދަށުން، މިއަދުން ފެށިގެން ވަކި ގޮތެއް އަންގަންދެން މާލެ ސަރަހައްދުގެ ޔުނިވާސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ހާޒިރުވެގެން ކިޔަވައިދިނުމުގެ ބަދަލުގައި އޮންލައިންކޮށް ކިޔަވައިދިނުމަށް އަންގާ ކަމަށެވެ.
އޭގެ އިތުރުން ޓިއުޝަން ސެންޓަރުތަކާއި ގޭގެއާއި އެހެނިހެން ގޮތްގޮތުން ހިންގާ ޓިއުޝަން ކުލާސްތަކާއި ގުރުއާން ކުލާސްތަކުގައި ކިޔަވާ ދިނުން ހުއްޓާލުމަށް ވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ. އަދި ހަމައެހެންމެ ޑޭ ކެއާ ސެންޓަރުތަކުން ދެމުންގެންދާ އެންމެހާ ހިދުމަތްތައް ދިނުން ހުއްޓާލުމަށް ވެސް ވަނީ އަންގާފައެވެ.
އެޗްޕީއޭއިން މިހާރު ވަނީ ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.
އެގޮތުން މިއަދުން ފެށިގެން މާލެ ސަރަޙައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ރޭގަނޑު 9:00 ން ފަތިހު 4:00 އަށް ވަނީ ކާފިއު އިއުލާން ކޮށްފައެވެ. މި ގަޑީގައި މަގުމައްޗަށް ނުކުތުން ވަނީ އެޗްޕީއޭއިން މަނާ ކޮށްފައެވެ.
އޭގެ އިތުރުން މިއަދުން ފެށިގެން މި މަހުގެ 12 ވަނަަ ދުވަހުގެ ނިޔަަލަށް ފިހާރަތަކާއި ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ވަގުތަކަށް ވަނީ ބަދަލު ގެނެސްފައެވެ.
އެގޮތުން ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ ހެނދުނު 08:00 އިން ރޭގަނޑު 9:00 އަށް ކަމަށެވެ. އަދި ކެއިން ބުއިމުގެ ހިދުމަތް ދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ހަވީރު 5:30 އިން ރޭގަނޑު 9:00އަށެވެ.