ދިވެހިރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް، މުހައްމަދު ނަޝީދަށް އަމާޒުކޮށް ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން، މުޅި ބައިނަލްއަގުވާމީ މުޖުތަމައު، އެއް ރޫހެއްގައި، ރައީސް ނަޝީދާ އެކުގައި އޮތްކަން ހާމަ ކުރަމުން އެބަދެއެވެ.

ރައީސް ނަޝީދު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ދާދި ގާތުން އެއްޗެއް ގޮއްވާލައިގެން ދިން ހަމަލާއާ ގުޅިގެން، އެމެރިކާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، އެލެއިނާ ބީ ޓެޕުލިޓްޒް ވިދާޅުވީ، މި ހަމަލާ ކުށްވެރި ކުރެއްވުމުގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާ އެކުގައި އެމެރިކާ އޮތް ކަމަށެވެ. އަދި ރައީސް ނަޝީދަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ސްވިޓްޒަލޭންޑުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބުގެ ވާހަކަވެސް ހުރީ މިފަދަ ރޫހެއްގައެވެ.

ޖަރުމަނުވިލާތުގެ ސަފީރު ހޮލްގާ ޒޮއިބެޓް ވިދާޅުވީ، ރައީސް ނަޝީދަށް އަމާޒުކޮށްގެން ދީފައިވާ ހަމަލާ، ޖަރުމަނުވިލާތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. މިފަދަ ފިނޑި އަމަލުތަކަކީ، ދިވެހިރާއްޖޭގައި ހަރުދަނާވެފައިވާ ޑިމޮކްރަސީ ގުޑުވާލެވޭނެ ވަރުގެ އަމަލުތަކެއް ނޫން ކަމަށެވެ. އަދި މި ހިތްދަތި ދަނޑިވަޅުގައި، ސަފީރު ހުންނެވީ ރައީސް ނަޝީދުގެ އާއިލާއާ ދިވެހި ރައްޔިތުންނާ އެކުގައި ކަމަށްވެސް ޒޮއިބެޓް ވަނީ ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް، މުހައްމަދު ނަޝީދަކީ ބަޔަކު ކުރާ ކަމަކުން ބިރުފުޅުން ފަސްޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށާ، ނަޝީދުގެ ސާބިތުކަމަށް ބަދަލެއް ނާންނާނެ ކަމަށް، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު، ޑރ އެސް ޖައިޝަންކަރު ވިދާޅުވެފައި ވާއިރު، ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ޝާހް މަހްމޫދު ގުރައިޝީވެސް ވަނީ، ރައީސް ނަޝީދަށް އަމާޒުކޮށްގެން ރޭ ދިން ހަމަލާ، އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން، މަޝްހޫރު ވިޔަފާރިވެރިޔާ ރިޗާޑް ބްރޭންސަން ވަނީ މި ހަމަލާއާ ގުޅިގެން ޓްވީޓް ކޮށްފައެވެ. ބްރޭންސަން ކުރި ޓްވީޓްގައި ބުނެފައި ވަނީ، ޑިމޮކްރަސީއަށް އަމާޒުކޮށްގެންދޭ މިފަދަ ލަދުވެތި އަމަލުތައް ކުށްވެރި ކުރަންޖެހޭކަމަށެވެ.

ރައީސް ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާއާ ގުޅިގެން ބައިނަލްއަގުވާމީ ޖަމިއްޔާތަކުންވެސް ދަނީ ހިޔާލު ފާޅު ކުރަމުންނެވެ. އެގޮތުން އދއިން ވަނީ މި ހަމަލާ ކުށްވެރި ކޮށްފައެވެ. އަދި އެ ޖަމިއްޔާ ދެމި އޮތީ ދިވެހިންނާއެކުގައިކަން ވަނީ ހާމަކޮށްފައެވެ.

ދިވެހި ރާއްޖޭގައި ހިންގާ އދގެ ގޮތްޕެއް ކަމަށްވާ، ޔޫއެންއޯޑީސީގެ ދެ އޮފިސަރަކު މިހާރުވެސް ދަނީ، މި ހާދިސާގެ ތަހުގީގުގައި ބައިވެރިވަމުން ކަން، ކޮމިޝަނާ އޮފް ޕޮލީސް، މުހައްމަދު ވަނީ ހާމަ ކުރައްވާފައެވެ.

ވިލާތުގެ އިއްތިހާދުގެ ޕާލަމެންޓްސް އިން ޕާޓްނާޝިޕް އިންވެސް ވަނީ މި ހަމަލާ ކުށްވެރިކޮށްފައެވެ.