ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރޭ ދިން ޓެރަރިސްޓު ހަމަލާއާ ގުޅޭ 4 މީހަކު ފާހަގަ ކުރެވިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާޖަކަ ދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު (ސީޕީ) ވިދާޅުވީ ހަމަލާދިން ސަރަހައްދުން ޝައްކުކުރެވޭ ހަރަކާތްތަކެއް ބައެއްގެ ކިބައިން ފުލުހުންނަށް ފާހަގަވެފައިވާ ކަމަށެވެ. އަދި އެ ފަރާތްތައް ދެނެގަނެވި ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށްޓަކައި މިހާރު ވަނީ މަސައްކަތް ފަށާފައި ކަމަށާއި އެގޮތުން މި ހަމަލާއާއި ގުޅުން ހުރި 4 މީހަކު ފުލުހުންގެ ސަމާލުކަމަށް މިހާރު ވަނީ އައިސްފައި ކަމަށް ސީޕީ ވިދާޅުވިއެވެ.

އެ މައްސަލައާއި ގުޅޭ މައުލޫމާތު މިއަދު ހެނދުނުގެ ވަގުތެއްގައި ޕްރޮސެކިއުޓަރ ޖެނެރަލް ( ޕީޖީ) އާއި ހިއްސާކޮށްފައިވާނޭ ކަމަށާއި މި ތަހުގީގު ކުރިއަށްދާއިރު ތަހުގީގީ ޓީމަށް ބޭނުންވާ ލަފާ ހޯދަމުންދާނެ ކަމަށްވެސް ސީޕީ ހަމީދު ވިދާޅުވިއެވެ.

ރޭގެ ހަމަލާއަށް ފަހު އެމްއެންޑީއެފާއި ފުލުހުންގެ އެލާޓް ސްޓޭޓަސް ވަނީ މަތިކޮށް ސެކިއުރިޓީ ވަރުގަދަކޮށްފައެވެ. ސިފައިން އަންނަނީ ހަތިޔާރާއި އެކު މާލޭގެ މަގުތަކުގައި ހަރަކާތްތެރިވަމުންނެވެ. މި ހާދިސާގެ ތަހްގީގު ފުލުހުން ފަށާފައިވާ އިރު މިއީ ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ޓެރަރިސްޓު ހަމަލާއެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރޭ ނަޝީދުގެ ގެކޮޅު ސަރަހައްދުގައި ހިނގި މި ހާދިސާގައި ވަނީ 6 މީހަކަށް އަނިޔާވެފައެވެ. އެ ގޮތުން އެމްއެންޑީއެފްގެ ތިން މީހަކު ހިމެނެއެވެ. އެކަކަށް އައިޖީއެމްއެޗްގައި ފަރުވާ ދީފައިވާ އިރު އަނެއް ދެމީހުންނަށް ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ. މިހާރު މި އެންމެން ވެސް ވަނީ ދޫކޮށްލާފައެވެ. މީގެ އިތުރުން ދިވެހި ފިރިހެނަކާއި ބިދޭސީ އަކަށް ވެސް މި ހާދިސާގައި އަނިޔާވެ ވަނީ އޭޑީކޭއަށް ފަރުވާ ދިނުމަށް ގެންގޮސްފައެވެ.