ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޝިކާރައަކަށްވެ، ދުނިޔޭގެ އެކި ކަންކޮޅުތަކުން މަރުވި މީހުންގެ އަދަދު 6.9 މިލިއަނަށް އަރާފައި ވާނެ ކަމަށް، ޔުނިވާސިޓީ އޮފް ވޮޝިންގްޓަން ޑީސީގެ އިންސްޓިޓިއުޓް އޮފް ހެލްތު މެޓްރިކްސް އެންޑް އިވަލުއޭޝަން (އައިއެޗްއެމްއީ)ގެ އަންދާޒާތަކުން ދައްކައިފިއެވެ.
މިއީ، ކޮވިޑް-19 ޖެހިގެން މަރުވި ކަމަށް ރަސްމީކޮށް ރެކޯޑް ކޮށްފައި ވާ އަދަދުތަކަށް ވުރެ ދެގުނަ އިތުރު އަދަދެކެވެ.
ބުރާސްފަތި ދުވަހު އާންމު ކުރި މި ރިޕޯޓަށް ބަލާއިރު، ކޮވިޑް-19 ޖެހިގެން މަރުވާ ކޭސްތައް، އެކަށީގެންވާ ގޮތެއްގައި ރެކޯޑް ކުރަމަކުން ނުދެއެވެ. އެހެނީ، ކޮވިޑް މަރެއް ކަމުގައި ރަސްމީ ކޮށް ކަނޑައަޅާފައި ހުންނަނީ، ހޮސްޕިޓަލުތަކުގައި މަރުވާ ޕޭޝަންޓުންގެ ކޭސްތަކާ، ކޮވިޑް ޖެހުނު ކަން ކަށަވަރުވާ މީހުންގެ ކޭސްތައް އެކަނި ކަމުގައި ވުމުން ކަމަށް ރިޕޯޓް ބުނެއެވެ.
ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ތަފާސް ހިސާބުތަކަށް ބަލާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 155 މިލިއަން މީހަކަށް މިހާތަނަށް ވަނީ ކޮވިޑް ޖެހިފައެވެ. އަދި މި ބަލީގައި މަރުވި މީހުންގެ އަދަދު 3.25 މިލިއަނަށް އަރާ ކަމަށް ރެކޯޑް ތަކުން ދައްކައެވެ.
އައިއެޗްއެމްއީއަކީ ދުނިޔެއަށް ކުރިމަތިލާން ޖެހޭ ސިއްހީ މައްސަލަތާ ބެހޭ ތަފާސް ހިސާބުތައް ފޯރުކޮށްދިނުމުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ މިނިވަން މުއައްސަސާއެކެވެ. އާންމު ސިއްހަތުގެ ކަންކަމުގައި ވައިޓްހައުސްއިންވެސް އައިއެޗްއެމްއީއަށް ބަރޯސާވެއެވެ.
އައިއެޗްއެމްއީ އިން ބުނާ ގޮތުގައި، ކޮވިޑް-19ގައި މަރުވާ މީހުންގެ އަދަދުތައް، ހަގީގަތުގައި ގުޅިފައި އޮންނަނީ އެ ގައުމެއްގައި ވައިރަހަށް ޓެސްޓުކުރުން އޮންނަ މިންވަރެއްގެ މައްޗަށެވެ.
އައިއެޗްއެމްއީގެ ޑައިރެކްޓާ، ކްރިސްޓަފާ މަރީ ވިދާޅުވީ، އެކަށީގެންވާ ގޮތެއްގައި ޓެސްޓު ކުރުން ކުރިއަށް ނުގެންދާ ނަމަ، ކޮވިޑްގެ މަރުތަކެއް ރާޑަރުން ކަހާލުން އެކަށީގެން ވާ ކަމަށެވެ. އައިއެޗްއެމްއީގެ ރިޕޯޓްގައި ކޮވިޑް މަރުގެ ގޮތުގައި ހިމަނާފައިވާ ކޭސްތަކަކީ ސީދާ ވައިރަހާ ގުޅިފައިވާ ކޭސްތަކެވެ. ބަލިމަޑުކަމުގެ ސަބަބުން ސިއްހީ ނިޒާމަށް ކުރިމަތިވި ހީނަރުކަމުގެ ސަބަބުން މަރުވި މީހުންގެ ކޭސްތައް ހިމަނާފައެއް ނުވެއެވެ.
އަވަށްޓެރި އިންޑިއާގެ މަސްރަހަށް ބަލާލުމުން، އައިއެޗްއެމްއީގެ ވާހަކަ ސާބިތުވެއެވެ. ކޮވިޑް މަރުގެ ގޮތުގައި އިންޑިއާއިން 230168 ކޭސް ރެކޯޑް ކޮށްފައި ވާއިރު، މެޑިކަލް ޑޮކްޓަރުންނާ އިންޑިއާގެ އަވަށްތަކުގެ އޮފިޝަލުން ވިދާޅުވާގޮތުގައި، ހަގީގީ މަރުގެ އަދަދު މިއަށް ވުރެ އެތައް ގުނައެއް އިތުރުވުމުގެ ފުރުސަތު އެބައޮތެވެ.