ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ރަޝިއާއިން ތަރައްގީ ކޮށްފައިވާ، 1 ޑޯޒްގެ މައްޗަށް އެކުލެވޭ ވެކްސިން، "ސްޕަޓްނިކް ލައިޓް"، އިންޑިއާގައި އުފައްދާނެ ކަމުގެ ފެހި ސިގުނަލް، ރަޝިއާއިން ދީފިއެވެ.

ވާޗުއަލް ޕްލެޓްފޯމްގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރަޝިއާގެ ޑައިރެކްޓް އިންވެސްޓްމަންޓް ފަންޑް (އާރްޑިފް)ގެ ސީއީއޯ، ކިރީލް ޑިމިޓްރިއޭފް ވިދާޅުވީ، ސަޕްޓްނިކް-5 އުފައްދާ ހުރިހާ ގައުމެއްގައި، ސްޕަޓްނިކް ލައިޓް އުފައްދާނެ ކަމަށެވެ.

ކޮވިޑް-19އިން ދިފާއުވުމަށް ރަޝިއާއިން އެންމެ ފުރަތަމަ ތަރައްގީ ކުރި ސްޕަޓްނިކް-5 ވެކްސިންވެސް އިންޑިއާގައި އުފައްދައެވެ. އިންޑިއާގެ އިތުރުން މި ލިސްޓުގައި ދެން އޮތީ ދެކުނު ކޮރެއާ އަދި ޗައިނާއެވެ.

ޑިމިޓްރިއޭފް ވިދާޅުވީ، ސްޕަޓްނިކް ލައިޓްއަކީ، ސްޕަޓްނިކް-5 ގެ ފުރަތަމަ ޑޯޒް ކަމުގައި ވުމުން، ސްޕަޓްނިކް ލައިޓް އުފައްދަން އިތުރު ކެޕޭސިޓީއެއް ބޭނުން ނުވާ ކަމަށެވެ.

ކޮވިޑް-19އަށް ވެކްސިނެއް ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން/ފޮޓޯ: ވިޔަޗެސްލޭފް ޕްރޮކޮފްޔޭފް

ރަޝިއާގެ ސިއްހަތާ ބެހޭ ވުޒާރާއާ، ގަމަލެޔާ ނޭޝަނަލް ރިސާޗް ސެންޓާ އޮފް އެޕިޑެމިއޮލޮޖީ އެންޑް މައިކްރޮބައޮލޮޖީ އަދި އާރްޑިފްއިން ބުރާސްފަތި ދުވަހު ވަނީ، ރަޝިއާގައި ސްޕަޓްނިކް ލައިޓް ބޭނުކުރުމުގެ ހުއްދަ ދީފައިވާކަން އިއުލާން ކޮށްފައެވެ.

އާރްޑިފްއިން ބުނާ ގޮތުގައި ސްޕަޓްނިކް ލައިޓަކީ 79.4 ކާމިޔާބު ވެކްސިނެކެވެ. މި ވެކްސިންގެ ކުލިނިކަލް ތަހުލީލުތަކުގެ 3 ވަނަ މަރުހަލާގައި، ރަޝިއާގެ އިތުރުން އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އަދި ގާނާ ފަދަ ގައުމުތަކުން 7000 އެއްހާ މީހުން ބައިވެރިވިއެވެ.

އިންޑިއާއިން ވަނީ ވެކްސިން ކެމްޕޭންގައި ސްޕަޓްނިކް-5 ބޭނުން ކުރުމުގެ ހުއްދަ ދޫކޮށްފައެވެ. އަދި މި ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް، މިމަހުގެ 1 ވަނަ ދުވަހު އިންޑިއާއަށް ގެންގޮސްފައި ވާކަމަށް މައުލޫމާތު ލިބެއެވެ.

އިންޑިއާއިން ރަޝިއާއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު، ބާލަ ވެންކަޓޭޝް ވަރުމާ ވަނީ، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި، ހުރިހާ ހިސާބެއްގައި އުފައްދާ ސްޕަޓްނިކް ވެކްސިންގެ 60-70 ޕަސެންޓް، އިންޑިއާގައި އުފެއްދޭ ވަރު ވާނެ ކަމަށް ވިދާޅުވެފައެވެ.

1 ޑޯޒްގެ މައްޗަށް އެކުލެވޭ ސްޕަޓްނިކް ލައިޓް ވެކްސިން ޑޯޒްއެއްގެ އަގު، ދުނިޔޭގެ ކޮންމެ ހިސާބެއްގައިވެސް 10 ޑޮލަރަށް ވުރެ ދަށް ވާނެ ކަމަށް ރަޝިއާގެ ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ. މި ވެކްސިނަކީ 2 ޑިގްރީއާއި 8 ޑިގްރީ ސެލްސިއަސްގައި ރައްކާ ކުރެވޭ ވެކްސިނެކެވެ.