އައިޖީއެމްއެޗް އެމަޖެންސީ ރޫމަށް ގެންދިޔަ މީހަކު މަރުވި އިރު އޭނާ ވަނީ ކޮވިޑް ޖެހިފައި ކަން ހާމަވެއްޖެއެވެ.

އެނގިފައިވާ ގޮތުން މިރޭ މަރުވެފައި ވަނީ އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމަށް ގެންދިޔަ ދުވަސްވީ އަންހެނެކެވެ. އޭނާ މަރުވި ފަހުން ޓެސްޓް ހެދިއިރު ކޮވިޑަށް ޕޮޒިޓިވްކަން ވަނީ އެނގިފައެވެ. މިއީ މިދިޔަ 24 ގަޑިއިރު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި ހަވަނަ މީހާއެވެ. އަދި މިހާރު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު މި ވަނީ 80 އަށް އަރާފައެވެ.

މިއަދު ކޮވިޑް ބަލީގައި 6 މީހަކު މަރުވެފައިވާ އިރު މިއަދު ފަތިހު މަރުވީ އުމުރުން 77 އަހަރުގެ ދިވެހި އަންހެނެކެވެ. އެއަށްފަހު މިއަދު މެންދުރު 12:30 ހާއިރު އުމުރުން 83 އަހަރުގެ ދިވެހި އަންހެނަކު ވެސް ވަނީ މަރުވެފައެވެ.

ތިން ވަނަ މީހާ މަރުވެފައި ވަނީ އއ. ރަސްދޫއިންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ އުމުރުން ދުވަސްވީ އިންޑިއާ މީހެކެވެ. އަދި އެމީހާ މަރުވެފައި ވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ. އަދި ހަތަރު ވަނަ މީހާ މަރުވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލީޓިގައި ފަރުވާދެމުން ދަނިކޮށެވެ. އެއީ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފަސް ވަަނައަށް މަރުވެފައި ވަނީ ޅ. ނައިފަރު ކޮވިޑް ފެސިލީޓިގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 97 އަހަރުގެ އަންހެނެކެވެ.

މިހާރަކަށް އައިސް ރާއްޖޭގައި ކޮވިޑް ކޭސްތައް އިތުރުވަމުން އަންނަ އިރު ބަލީގައި ފަރުވާ ހޯދުމަށް އެޑްމިޓް ކުރަން ޖެހޭ މިހުންގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ. އިއްޔެ ކޮވިޑް ބަލީގައި 700 އަށް ވުރެ ގިނަ ކޭސް ރިޕޯޓް ކޮށް އެކްޓިވް ކޭސްގެ އަދަދު ވެސް ވަނީ 7100 އަށް އަރާފައެވެ.

އިއްޔެ އާއި މިއަދު ވަނީ 700 އަށް ވުރެ ގިނަ ކޭސް ދުވާލެއްގެ މައްޗަށް ރިޕޯޓު ކޮށްފައެވެ. މީގެ ތެެރއިން މާލެ ސަރަހައްދުން ގިނަ އަދަދަކަށް ކޭސްތައް ފެނުމާއެކު އެޗްޕީއޭއިން ވަނީ މާލެ ސަހަރައްދުގައި ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގަން އިއުލާން ކޮށްފައެވެ.