މިރޭ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކާރުކޮޅު ކައިރީ އެއްޗެއް ގޮއްވާލި ވަގުތު ނަޝިީދުގެ ބޮޑީގާޑުންގެ އަތަށް ލިބުނު ޒަހަމްތައް ދައްކާލައިފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން ދާ ފޮޓޯތަކުން ފެނިގެން ދަނީ ބޮޑުގާޑުންގެ އަތުގެ އެކި ހިސާބުތަކަށް އެތިކޮޅުތަކެއް ވަދެ ޒަހަަމްވެފައި ވަނިކޮށެވެ.

ނަޝީދު ކާރުކޮޅަށް އަރާވަޑައިގެންނެވި އިރު، އެމަނިކުފާނުގެ ކަނާތް ފަރާތުގައި ބޮޑީގާޑު މަޑުކޮށްގެން ހުއްޓާ ކުއްލިއަކަށް ބާރު އަޑަކާއެކު އެއްޗެއް ގޮވައި، ބުރައިގެން ދިޔަ އެތިއެތިކޮޅުތައް އޭނާގެ އަތަށް ހެރުނީކަމަށް ބެލެވެއެވެ. ހޮސްޕިޓަލުން ފަރުވާ ހޯދުމަށް ފަހު އެ އެއްޗެހި އަތުން ނައްޓާފައި ހުރި ނަމަވެސް އެ ޒަހަމްތައް ހުރި ގޮތުން ހީވަނީ އަދިވެސް އެ އެއްޗިހި ހެރިފައި ހުރި ހެންނެވެ.

އޭނާގެ ދެއަަތަށާއި ފަޔަށް ވެސް އެ އެއްޗެހި ހުރީ ހެރިފައެވެ. ފައިތިލަ މަތީގައި ވެސް ޒަަހަމްވެފައި ހުރި ތަންތަން ފެންނަން ހުއްޓެވެ.

މިރޭ ނަޝީދުގެ ގެކޮޅު ކައިރީގައި ހިނގި މި ހާދިސާގައި ވަނީ 6 މީހަކަށް އަނިޔާވެފައެވެ. އެ ގޮތުން އެމްއެންޑީއެފްގެ ތިން މީހަކު ހިމެނެއެވެ. އެކަކަށް އައިޖިއެމްއެޗްގައި ފަރުވާ ދީފައިވާ އިރު އަނެއް ދެމީހުންނަށް ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ. މިހާރު މި އެންމެން ވެސް ވަނީ ދޫކޮށްލާފައެވެ.

މީގެ އިތުރުން ދިވެހި ފިރިހެނަކާއި ބިދޭސީ އަކަށް ވެސް މި ހާދިސާގައި އަނިޔާވެ ވަނީ އޭޑީކޭއަށް ފަރުވާ ދިނުމަށް ގެންގޮސްފައެވެ.

އަދިވެސް ރައީސް ނަޝީދަށް އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އެމަނިކުފާނުގެ ހާލު ސީރިއަސް ނޫން ކަމުގައި ވިޔަސް އިތުރު ސާޖަރީތަކެއް ކުރަން ޖެހިފައިވާ ކަމަށް އޭޑީކޭން ބުނެއެވެ. އަދި މިހާރު އެ ސާޖަރީއަށް ތައްޔާރު ވަމުން އަންނަ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. މި ހާދިސައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެއެވެ.