ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ގެކޮޅާ ކައިރީގައި އެއްޗެއް ގޮއްވާލުމާ ގުޅިގެން އެމަނިކުފާނުގެ ހަށިކޮޅަށް ގިނަ ޒަހަމަތަކެއް ލިބިފައިވާތީ އިތުރު ސާޖަރީތަކެއް ކުރަން ޖެހޭ ކަަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.

އެޑީކޭއިން ބުނީ އެމަނިކުފާނު ޒަހަމްތަކާއެކު އެ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ މިރޭ 8:30 ގައި ކަމަށެވެ. އަދި އެމަނިކުފާނަށް މިހާރު ޑޮކްޓަރުންގެ ޓީމެއް ދަނީ ފަރުވާ ދެމުން ކަމަށާއި މިވަގުތު ހާލު ސީރިއަސް ނޫން ކަމަށް އޭޑީކޭއިން ބުނެއެވެ.

ލިބިފައިވާ ޒަހަމްތައް ބަލަމުން ދިޔަ އިރު އެމަނިކުފާނު އިތުރު ސާޖަރީތަކެއް ކުރަންޖެހޭ ކަމަށާއި އަދި އެ ސާޖަރީތައް ކުރުމަށް މިހާރު ތައްޔާރުވަމުން ދާ ކަަމަށް އޭޑީކޭއިން ބުނެއެވެ.

މިރޭ އެއްޗެއް ގޮއްވާލާފައި ވަނީ ރައީސް ނަޝީދުގެ ގެ ކޮޅު ގ. ކެނެރީގެއިން މަޖީދީ މަގަށް ނުކުމެވޭ މަގު ކޮޅުގައެވެ. އެއްޗެއް ގޮއްވާލާފައި ވަނީ ނަޝީދު ކާރުކޮޅަށް އަރާވަޑައިގަތް ވަގުތެވެ. އެ ސަރަހައްދަށް އާންމުންގެ ގިނަ ބަޔަކު އެއްވި ނަމަވެސް މިހާރު އެ ސަރަހައްދުގައި ދަނީ ފުލުހުންނާއި ސިފައިން ހަރަކާތްތެރި ވަމުންނެވެ.

މި ހާދިސާގައި 5 މީހަކަށް ވަނީ އަނިޔާވެފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެގޮތުން އަނިޔާވި މީހުންގެ ތެރެއިން 3 މީޙުންނަކީ ސިފައިން ކަމަށާއި، 3 މީހުން މިހާރު ވަނީ ފަރުވާ އަށް ފަހު ދޫކޮށްލާފައި ކަމަށެވެ.

މީގެ އިތުރުން އަނިޔާވެފައި ވަނީ އެ ސަރަހއްދުގައި ހުރި ބިދޭސީއަކަށް ކަމަށް މައުލޫމާތު ލިބެއެވެ.

އެއްޗެއް ގޮއްވާލި ސަރަހައްދުގައި ޕާކް ކޮށްފައި ހުރި ސައިކަލުތަކަށް ވެސް ވަނީ އެކި ވަރުގެ ގެއްލުން ލިބިފައެވެ. ހާދިސާ ހިނގާފައި އޮތް ސަރަހައްދައް ބަލާއިރު ގޮވާ އެއްޗެއް ސައިކަލެއްގެ ކައިރީގައި އޮތް އިރު އެއް ސައިކަލު އޮތީ ވަރަށް ބޮޑަށް ހަލާލުވެފައެވެ. މި ހަމަލާއަކީ އެމަނިކުފާނަށް އަމާޒުކޮށް ދީފަިއވާ ޓެރަރިސްޓް ހަމަލާއެއް ކަމަށާއި މި ކަމުގައި އެއަމަލު ހިންގި މީހުންނަށް ހަރުކަށި އަދަބު ދިނުމަށް ސިޔާސީ ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.

މި ހަމާލާ މިހާރު ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. ހަމައެއާއެކު ރައީސް މުހައްމަދު ނަޝީދަށް މިރޭ ދީފައިވާ ނުރައްކާތެރި ހަމަލާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އާއި ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ މެންބަރުން މިރޭ ބައްދަލުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.