މިރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒު ކޮށްގެނަ ދީފައި ވަނީ ޓެރަރިސްޓް ހަމަލާއެއް ކަމަށާއި އެމަނިކުފާނުގެ ހާލުކޮޅުގެ ފުރިހަމަ މައުލޫމާތު ލިބެންދެން މަޖިލިސް ކުރިއަށް ދާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

އީވާ ވިދާޅުވީ ރައީސް ނަޝީދުގެ ސިއްހީ ހާލުކޮޅާ ބެހޭ ފުރިހަމަ މައުލޫމާތު ލިބެންދެން މަޖިލީހުގެ ޖަލްސާ ނިންމާ ނުލާ ކުރިއަށް ގެންދަން އޭނާ ނިންމަވާ ކަމަށެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިރޭ ދިނީ ޓެރަރިސްޓް ހަމަލާއެއް ކަމަށާއި، މަޖިލީހުގެ ހުރިހާ މެންބަރުންނާއި މުވައްޒިފުން އަދި އޭނާގެ އަމިއްލަ ނަންފުޅުގައި އެކަން ކުށްވެރި ކުރައްވާ ކަމަށް އީވާ ވިދާޅުވިއެވެ.

ޖަލްސާގައި އޮތީ މަޖިލީހުގެ ރިޔާސަތުން އަންގާ އަންގުމެއް އެކަނި ކަމަށް އީވާ ވިދާޅުވިއެވެ.

މި ހަމަލާއާ ގުޅިގެން ހާއްސަ ޖަލްސާއެއް މަޖީލީހުގައި މިރޭ ކުރިއަށް ދާއިރު އެ ޖަލްސާގައި 67 މެންބަރުން ހާޒިރުވެ އެބަ ތިއްބެވެ.

މިރޭ އެއްޗެއް ގޮއްވާލާފައި ވަނީ ރައީސް ނަޝީދުގެ ގެ ކޮޅު ގ. ކެނެރީގެއިން މަޖީދީ މަގަށް ނުކުމެވޭ ކޮޅުގައެވެ. އެއްޗެއް ގޮއްވާލާފައި ވަނީ ނަޝީދު ކާރުކޮޅަށް އަރާވަޑައިގަތް ވަގުތެވެ. އެ ސަރަހައްދަށް އެގަޑީގައި އާންމުންގެ ގިނަ ބަޔަކު އެއްވި ނަމަވެސް މިހާރު އެ ސަރަހައްދުގައި ދަނީ ފުލުހުންނާއި ސިފައިން ހަރަކާތްތެރި ވަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި 5 މީހަކަށް ވަނީ އަނިޔާވެފައެވެ. އެއީ ރައީސް ނަޝީދުގެ އިތުރުން ބިދޭސީއަކާއި 3 ސިފައިންނެވެ. އޭގެތެރޭގައި ހިމެނެނީ ރައީސް ނަޝީދުގެ ބޮޑީގާޑުންނެވެ. މިހާރު އެމަނިކުފާނަށް ދަނީ އޭޑީކޭގައި ފަރުވާ ދެމުންނެވެ.

އެއްޗެއް ގޮއްވާލި ސަރަހައްދުގައި ޕާކް ކޮށްފައި ހުރި ސައިކަލުތަކަށް ވެސް ވަނީ އެކި ވަރުގެ ގެއްލުން ލިބިފައެވެ. މި ހަމަލާއަކީ އެމަނިކުފާނަށް އަމާޒުކޮށް ދީފަިއވާ ޓެރަރިސްޓް ހަމަލާއެއް ކަމަށާއި މި ކަމުގައި އެމަލު ހިންގި މީހުންނަށް ހަރުކަށި އަދަބު ދިނުމަށް ސިޔާސީ ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.

މި ހަމާލާ މިހާރު ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. ހަމައެއާއެކު ރައީސް މުޙައްމަދު ނަޝީދަށް މިރޭ ދީފައިވާ ނުރައްކާތެރި ހަމަލާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އާއި ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ މެންބަރުން މިރޭ ބައްދަލުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.