މިރޭ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ފުލުހުންގެ އެލާޓް ލެވެލް ވެސް މަތިކޮށްފިއެވެ.

ފުލުހުން ބުނީ، މިރޭ ހިނގި ހާދިސާއާ ގުޅިގެން ފުލުހުންގެ އެލާޓް ލެވެލް، ލެވެލް 3 އަށް މަތިކޮަށްފައިވާ ކަމަށެވެ. އަދި ބޮޑު އިސްކަމެއް ދީގެން ތަހުގީގުގެ މަސައްކަތް ވަނީ ފަށައިފައި ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުންގެ އެލާޓް ލެެވެލް މަތިކޮށްފައި ވާ އިރު އެމްއެންޑީއެފްގެ ސެކިޔުރިޓީ ވަރުގަދަކޮށް، އެލާޓް ސްޓޭޓަސް ވަނީ މަތިކޮށްފައެވެ.

މިރޭ އެއްޗެއް ގޮއްވާލާފައި ވަނީ ރައީސް ނަޝީދުގެ ގެ ކޮޅު ގ. ކެނެރީގެއިން މަޖީދީ މަގަށް ނުކުމެވޭ ކޮޅުގައެވެ. އެއްޗެއް ގޮއްވާލާފައި ވަނީ ނަޝީދު ކާރުކޮޅަށް އަރާވަޑައިގަތް ވަގުތެވެ. އެ ސަރަހައްދުގައި އާންމުންގެ ގިނަ ބަޔަކު އެއްވި އިރު މިހާރު އެ ސަރަހައްދުގައި ދަނީ ފުލުހުންނާއި ސިފައިން ހަރަކާތްތެރި ވަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި ރައީސް ނަޝިދަަށް ވަނީ އަނިޔާ ވެފައެވެ. ހަމައެއާއެކު އެ ސަރަހައްދުގައި ހުރި ބިދޭސީއަކަށާއި އެމަނިކުފާނުގެ ބޮޑީގާޑެއްގެ އިތުރުން ޑްރައިވަރަށްވެސް ވަނީ އަނިޔާވެފައެވެ. މިހާރު އެމަނިކުފާނަށް ދަނީ އޭޑީކޭގައި ފަރުވާ ދެމުންނެވެ.

އެއްޗެއް ގޮއްވާލި ސަރަހައްދުގައި ޕާކް ކޮށްފައި ހުރި ސައިކަލުތަކަށް ވެސް ވަނީ އެކި ވަރުގެ ގެއްލުން ލިބިފައެވެ. މި ހަމަލާއަކީ އެމަނިކުފާނަށް އަމާޒުކޮށް ދީފަިއވާ ޓެރަރިސްޓް ހަމަލާއެއް ކަމަށާއި މި ކަމުގައި އެމަލު ހިންގި މީހުންނަށް ހަރުކަށި އަދަބު ދިނުމަށް ސިޔާސީ ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.

މި ހަމާލާ މިހާރު ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. ހަމައެއާއެކު ރައީސް މުޙައްމަދު ނަޝީދަށް މިރޭ ދީފައިވާ ނުރައްކާތެރި ހަމަލާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އާއި ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ މެންބަރުން މިރޭ ބައްދަލުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.