ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ގެކޮޅާ ކައިރީގައި އެއްޗެއް ގޮއްވާލުމާ ގުޅިގެން އެމަނިކުފާނުގެ ހަށިކޮޅަށް ގިނަ ޒަހަމަތަކެއް ލިބިފައިވާ ކަަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.

އެޑީކޭއިން ބުނީ އެމަނިކުފާނު ޒަހަމްތަކާއެކު އެ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ މިރޭ 8:30 ގައި ކަމަށެވެ. އަދި އެމަނިކުފާނަށް މިހާރު ޑޮކްޓަރުންގެ ޓީމެއް ދަނީ ފަރުވާ ދެމުން ކަމަށާއި މިވަގުތު ހާލު ސީރިއަސް ނޫން ކަމަށް އޭޑީކޭއިން ބުނެއެވެ. އަދި އިތުރު މައުލުމާތު ހިއްސާ ކުރަމުން ދާނެ ކަމަށް އޭޑީކޭއިން ބުނެއެވެ.

މިރޭ އެއްޗެއް ގޮއްވާލާފައި ވަނީ ރައީސް ނަޝީދުގެ ގެ ކޮޅު ގ. ކެނެރީގެއިން މަޖީދީ މަގަށް ނުކުމެވޭ މަގު ކޮޅުގައެވެ. އެއްޗެއް ގޮއްވާލާފައި ވަނީ ނަޝީދު ކާރުކޮޅަށް އަރާވަޑައިގަތް ވަގުތެވެ. އެ ސަރަހައްދުގައި އާންމުންގެ ގިނަ ބަޔަކު އެއްވެފައި ވާއިރު މިހާރު އެ ސަރަހައްދުގައި ދަނީ ފުލުހުންނާއި ސިފައިން ހަރަކާތްތެރި ވަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި ރައީސް ނަޝިދަަށް ވަނީ އަނިޔާ ވެފައެވެ. ހަމައެއާއެކު އެ ސަރަހައްދުގައި ހުރި ބިދޭސީއަކަށާއި އެމަނިކުފާނުގެ ބޮޑީގާޑެއްގެ އިތުރުން ޑްރައިވަރަށްވެސް ވަނީ އަނިޔާވެފައެވެ. މިހާރު އެމަނިކުފާނަށް ދަނީ އޭޑީކޭގައި ފަރުވާ ދެމުންނެވެ.

އެއްޗެއް ގޮއްވާލި ސަރަހައްދުގައި ޕާކް ކޮށްފައި ހުރި ސައިކަލުތަކަށް ވެސް ވަނީ އެކި ވަރުގެ ގެއްލުން ލިބިފައެވެ. މި ހަމަލާއަކީ އެމަނިކުފާނަށް އަމާޒުކޮށް ދީފަިއވާ ޓެރަރިސްޓް ހަމަލާއެއް ކަމަށާއި މި ކަމުގައި އެއަމަލު ހިންގި މީހުންނަށް ހަރުކަށި އަދަބު ދިނުމަށް ސިޔާސީ ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.

މި ހަމާލާ މިހާރު ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. ހަމައެއާއެކު ރައީސް މުޙައްމަދު ނަޝީދަށް މިރޭ ދީފައިވާ ނުރައްކާތެރި ހަމަލާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އާއި ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ މެންބަރުން މިރޭ ބައްދަލުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.