ރައީސް ނަޝީދުގެ ގެކޮޅު ކައިރީގައި އެއްޗެއް ގޮއްވާލުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއެއް މިރޭ ބޭއްވުމަށް ނިންމައިފިއެވެ.

މަޖިިލީހުގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ 22:45 ގައެވެ. މި ޖަލްސާގެ އެޖެންޑާ އަދި މަޖިލީހުން ހާމަކޮށްފައެއް ނުވެއެވެ.

މިރޭ އެއްޗެއް ގޮއްވާލާފައި ވަނީ ރައީސް ނަޝީދުގެ ގެ ކޮޅު ގ. ކެނެރީގެއިން މަޖީދީ މަގަށް ނުކުމެވޭ ކޮޅުގައެވެ. އެއްޗެއް ގޮއްވާލާފައި ވަނީ ނަޝީދު ކާރުކޮޅަށް އަރާވަޑައިގަތް ވަގުތެވެ. އެ ސަރަހައްދުގައި އާންމުންގެ ގިނަ ބަޔަކު އެއްވެފައި ވާއިރު މިހާރު އެ ސަރަހައްދުގައި ދަނީ ފުލުހުންނާއި ސިފައިން ހަރަކާތްތެރި ވަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި ރައީސް ނަޝިދަަށް ވަނީ އަނިޔާ ވެފައެވެ. ހަމައެއާއެކު އެ ސަރަހައްދުގައި ހުރި ބިދޭސީއަކަށާއި އެމަނިކުފާނުގެ ބޮޑީގާޑެއްގެ އިތުރުން ޑްރައިވަރަށްވެސް ވަނީ އަނިޔާވެފައެވެ. މިހާރު އެމަނިކުފާނަށް ދަނީ އޭޑީކޭގައި ފަރުވާ ދެމުންނެވެ.

އެއްޗެއް ގޮއްވާލި ސަރަހައްދުގައި ޕާކް ކޮށްފައި ހުރި ސައިކަލުތަކަށް ވެސް ވަނީ އެކި ވަރުގެ ގެއްލުން ލިބިފައެވެ. މި ހަމަލާއަކީ އެމަނިކުފާނަށް އަމާޒުކޮށް ދީފަިއވާ ޓެރަރިސްޓް ހަމަލާއެއް ކަމަށާއި މި ކަމުގައި އެމަލު ހިންގި މީހުންނަށް ހަރުކަށި އަދަބު ދިނުމަށް ސިޔާސީ ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.

މި ހަމާލާ މިހާރު ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. ހަމައެއާއެކު ރައީސް މުޙައްމަދު ނަޝީދަށް މިރޭ ދީފައިވާ ނުރައްކާތެރި ހަމަލާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އާއި ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ މެންބަރުން މިރޭ ބައްދަލުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.