ހެލްތް ޕްރޮޓެކްޝަން އެޖެންސީން އިއުލާން ކުރި ކާފިއު ތަންފީޒު ކުރުމުގައި ކުރިން ޑެލިވަރީ ކުރަން ދިން ހުއްދަތައް ފިޔަވާ އެހެނިހެން ހުއްދަތައް ބާތިލްވާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، މާލެ ސަރަހައްދުގައި ހިންގަން އެޗްޕީއޭއިން އިއުލާން ކުރި ކާފިއު ތަންފީޒު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ގޮތުން ކާފިއު ވަގުތު ގައި ބޭރަށް ނުކުމެ އުޅުމަކީ މަނާ ކަމެއް ކަަމަށާއި އެ ވަގުތު ނުކުމެ އުޅެވޭނީ ނުކުމެ އުޅުމުގެ ހާއްސަ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ މީގެ ކުރިން ދީފައިވާ އެފަދަ ހުއްދަތައް ބާތިލް ވާނެ ކަމަށެވެ. ނަމަވެސް ޑެލިވަރީ ކުރާ ތަންތަނަށް ދޫކޮށްފައިވާ ހުއްދަ ބާތިލް ނުވާނެ ކަމަށް ފުލުހުން ބުނެއެވެ. އެހެންކަމުން ކާފިއު ވަގުތު ބޭރުގައި އުޅެން ޖެހޭ ފަރާތްތައް ހުއްދަ ހޯދުމަށް ހުށަހެޅުމަށް ފުލުހުން އިލްތިމާސް ކުރެއެވެ.

ހުއްދަ ހޯދުމަށް އެދި ހުށަހަޅާނީ މި ލިންކް މެދުވެރިކޮށް ކަމަށް ފުލުހުން ބުނެއެވެ.

ބޭރުގައި އުޅުން މަނާ ވަގުތު ތަކުގައި ބޭރަށް ނުކުތުމުގެ ހުއްދައަށް އެދެވޭނީ ސިއްހީ އެމްޖެންސީ ހާލަތްތަކުގައި އާއި ވަޒީފާގެ ގޮތުން ޑިއުތިއަށް ނުކުތުމަށާއި އަދި ޑެލިވަރީގެ ހިދުމަތް ދޭ ފަރާތްތައް ކަމަށް ފުލުހުން ބުނެއެވެ.

ޑެލިވަރީ ކުރާ ފަރާތްތަކަށް ކުރިން ދެވިފައިވާ ހުއްދަ ބޭނުން ކުރެވޭ އިރު މި ވަގުތު ކާފިއު ވަގުތު ތަކުގައި ކެފޭ ރެސްޓީރަންޓް ފަދަ ތަންތަނުން ދަންވަރު 3:00 އާ ހަމައަށް ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށް ފުލުހުން ބުނެއެވެ. އަދި ފިހާރަތަކަށް ޑެލިވަރީގެ ހިދުމަތް ދެވޭނީ ރޭގަނޑު 12:00 އާ ހަމައަށެވެ.

މާލެ ސަރަހައްދުގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް ކާފިއު ހިންގާ ވަގުތަކީ މިރެއިން ފެށިގެން ރޭގަނޑު 9:00 އިން ފަތިހު 4:00 އަށެވެ. މި ފިޔަވަޅު އަޅާފައި ވަނީ މި ފަހުން ކޭސްތައް 700 އިން މައްޗަށް ސިއުމާ އެކުގައެވެ. އެގޮތުން ރޭ އެކަނިވެސް މާލެ ސަރަހއްދުން ވަނި ކޮވިޑް ޕޮޒިޓިވް 400 އަށް ވުރެ ގިނަ ކޭސް ރިޕޯޓް ކޮށްފައެވެ.