ކޮވިޑް ބަލިމަޑުކަމުން އަރައިގަތުމަށް ވެކްސިން ޖެހުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން މާލެ ސަރަހައްދުގައި މިރޭ ވެކްސިން ޖަހައި ނުދޭ ގޮތަށް ހަމަޖައްސައިފިއެވެ.

ހެލްތް ޕްރޮޓެކްޗަން އެޖެންސީން ބުނީ، މިރޭ މާލޭ ސަރަހައްދުގައި ހުރި ވެކްސިން ސެންޓަރުތައް ބަންދުވާނެ ކަމަށެވެ. ނަމަވެސް އެ ސެންޓަރުތައް ބަންދު ކުރީ ކޮން ސަބަބަކާ ހުރެ ކަން އެޗްޕީއޭ އިން ހާމައެއް ނުކުރެއެވެ.

މި މަހުގެ 4 ވަނަ ދުވަހަު ރާއްޖޭގައި ކޮވިޝީލްޑް ވެކްސިން ޖަހައިދިނުން ހުއްޓާލާފައި ވަނީ މި ވަގުތު ވެކްސިން ލިބުމުގެ ދަތިތަކެއް ހުރުމުންނެވެ. އެ ގޮތުން ކޮވިޝީލްޑް ވެކްސިން ޖެހުން ހުއްޓާލި އިރު މާލޭގައި ސިނޯފާމް ވެކްސިން އަދި ފައިޒާ ވެކްސިން ދަނީ ޖަހައިދެމުންނެވެ. ނަމަވެސް އެ ވެކްސިންގެ ބާކީ ހުރި ޑޯޒްގެ އަދަދު އޭރު ހުރީ 22،000 ގައެވެ.

ރާއްޖޭގަިއ މިވަގުތު ކޮވިޑް ކޭސްތައް މިއަންނަނީ ވަރަށް ހަލުވިކޮށް އިތުރުވަމުންނެވެ. އިއްޔެ މާލެ ސަރަހައްދުން އެކަނިވެސް 400 އިން މަތިން ކޭސްތައް ވަނީ ރިޕޯޓކޮށްފައެވެ. އަދި ޖުމް ކޭސްގެ އަދަދު ވަނީ 700 އިން މައްޗަށް އަރާފައެވެ. އެހެންކަމުން ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކޮށް މާލެ ސަރަހައްދުގައި ވަނީ ކޮންމެ ދުވަހަކު 7 ގަޑިއިރުގެ ކާފިއުއެއް އިއުލާން ކޮށްފައެވެ.

އެހެންކަމުން މިއަދު ވެކްސިން ސެންޓަރުތައް ބަންދުކޮށްފައި މި ވަނީ ކޭސްތައް އިތުރުވަމުންދާތީ ނުވަތަ ކޮވިޑް ވެކްސިންގެ ސްޓޮކް މަދުވަމުން ދާތީ ކަމެއް އެޗްޕީއޭއިން ނުބުނެއެވެ.

ރޭގަނޑު 9 އިން ކާފިއު ހިންގަން ފަށާފައިވާ އިރު އެ ވަގުތަކީ ވެކްސިން ޖެހުމަށް އާންމުން ވެކްސިން ސެންޓަރުތަކަށް ދިއުމަށް މި ރޯޑަ މަހު ހަމަޖައސާފައިވާ ވަގުތު ވެސް މެއެވެ.