އއ. ރަސްދޫއިން ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިންޑިއާ ފަތުރުވެރިޔަކު މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ އުމުރުން ދުވަސްވީ އިންޑިއާ މީހެކެވެ. އަދި އެމީހާ މަރުވެފައި ވަނީ މިއަދު މެންރު ފަހުގެ ވަގުތެއްގައެވެ.

މިއީ މިދިޔަ 24 ގަޑިއިރު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި ތިން ވަނަ މީހާއެވެ. އެއާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު 77 މި ވަނީ އަރާފައެވެ.

މިއަދު ކޮވިޑް ބަލީގައި 3 މީހަކު މަރުވެފައިވާ އިރު މިއަދު ފަތިހު މަރުވީ އުމުރުން 77 އަހަރުގެ ދިވެހި އަންހެނެކެވެ. އެއަށްފަހު މިއަދު މެންދުރު 12:30 ހާއިރު އުމުރުން 83 އަހަރުގެ ދިވެހި ފިރެހެނަކު ވެސް ވަނީ މަރުވެފައެވެ. މި ދެމީހުންނަކީ ވެސް މި ބަލީގައި ފަރުވާ ހޯދަމުން ދަނިކޮށް މަރުވި މީހުންނެވެ.

މިހާރަކަށް އައިސް ރާއްޖޭގައި ކޮވިޑް ކޭސްތައް އިތުރުވަމުން އަންނަ އިރު ބަލީގައި ފަރުވާ ހޯދުމަށް އެޑްމިޓް ކުރަން ޖެހޭ މިހުންގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ. އިއްޔެ ކޮވިޑް ބަލީގައި 700 އަށް ވުރެ ގިނަ ކޭސް ރިޕޯޓް ކޮށް އެކްޓިވް ކޭސްގެ އަދަދު ވެސް ވަނީ 7100 އަށް އަރާފައެވެ.

އިއްޔެ ރިޕޯޓު ކުރި 734 ކޭސްގެ ތެރެއިން މާލެ ސަރަހައްދުން ރިޕޯޓު ކުރި ކޭސްގެ އަދަދަކީ 540 އެވެ. މާލެ ސަރަހައްދުން ގިނަ އަދަދަކަށް ކޭސްތައް ފެނުމާއެކު އެޗްޕީއޭއިން ވަނީ މާލެ ސަހަރައްދުގައި ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގަން އިއުލާން ކޮށްފައެވެ.