މާލެ ސަރަހައްދުގައި ހިންގާ ޖިމްތަކާއި ކަސްރަތު ކުލާސްތަކާއި ސިނަމާ އަދި ސެލޫންތައް ހިންގުން ވަގުތީ ގޮތުން މެދުކަނޑާލަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަންގާފިއެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ މިއަދު ނެރުނު އެންގުމެއްގައި ބުނެފައިވަނީ މަދަމާއިން ފެށިގެން ވަކި ގޮތެއް އަންގަންދެން މާލެ، ހުޅުމާލެ ވިލިމާލެ އަދި ތިލަފުށީގައި ހިންގާ ޖިމްތަކާއި ކަސްރަތު ކުލާސްތަކާއި އެނޫން ވެސް އެފަދަ ކުލާސްތަކާއި ގުރޫޕް ކަސްރަތު ހަރަކާތްތަކާއި ސްލޫން ހިންގުން ވަގުތީ ގޮތުން މެދުކަނޑާލަން އަންގާ ކަމަށެވެ.
މިއީ ރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަމަށްޓަކާ، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ކޮވިޑް-19 ގެ ހާލަތުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، މިއަދުން ފެށިގެން މާލެ ސަރަޙައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ރޭގަނޑު 9:00 ން ފަތިހު 4:00 އަށް ވަނީ ކާފިއު އިއުލާން ކޮށްފައެވެ. މި ގަޑީގައި މަގުމައްޗަށް ނުކުތުން ވަނީ އެޗްޕީއޭއިން މަނާ ކޮށްފައެވެ.
އޭގެ އިތުރުން މިއަދުން ފެށިގެން މި މަހުގެ 12 ވަނަަ ދުވަހުގެ ނިޔަަލަށް ފިހާރަތަކާއި ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ވަގުތަކަށް ވަނީ ބަދަލު ގެނެސްފައެވެ.
އެގޮތުން ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ ހެނދުނު 08:00 އިން ރޭގަނޑު 9:00 އަށް ކަމަށެވެ. އަދި ކެއިން ބުއިމުގެ ހިދުމަތް ދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ހަވީރު 5:30 އިން ރޭގަނޑު 9:00އަށެވެ.