ރާއްޖެއިން ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން 77 އަހަރުގެ އަންހެނަކު މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ ދިވެހި އަންހެނެކެވެ. އަދި އެ އަންހެންމީހާ މަރުވެފައި ވަނީ ކޮވިޑް ބަލީގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ ހުޅުމާލެ ސަހަރާގައި ވަޅުލާފައި ވާއިރު ކަށުނަމާދު ކޮށްފައި ވަނީ މިއަދު ހެނދުނު 6:15 ގައެވެ.

މި މަރާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 75 އަށް އަރާފައެވެ.

އެންމެ ފަހުން ރާއްޖެއިން ކޮވިޑް ޖެހިގެން މީހަކު މަރުވެފައި ވަނީ މި މަހުގެ އެއްވަނަ ދުވަހުއެވެ. އެ ދުވަހު މަރުވީ 39 އަހަރުގެ ބަންގްލަދޭޝް މީހެކެވެ. އޭގެކުރިން މިދިޔަ މަހުގެ 29 ވަނަ ދުވަހު 2 މީހުން ކޮވިޑްއަށް ފަރުވާ ހޯދަމުން ދަނިކޮށް ވަނީ މަރުވެފައެވެ. އެއީ 50 އަހަރުގެ އިންޑިއާ މީހަކާއި 85 އަހަރުގެ ދިވެހި އަންހެނެކެވެ.

މިހާރަކަށް އައިސް ރާއްޖޭގައި ކޮވިޑް ކޭސްތައް އިތުރުވަމުން އަންނަ އިރު ބަލީގައި ފަރުވާ ހޯދުމަށް އެޑްމިޓް ކުރަން ޖެހޭ މިހުންގެ އަދަދުވެސް އަންނަނީ އިތުރުވަމުން. އިއްޔެ ކޮވިޑް ބަލީގައި 700 އަށް ވުރެ ގިނަ ކޭސް ރިޕޯޓް ކޮށް އެކްޓިވް ކޭސްގެ އަދަދުވެސް ވަނީ 7100 އަށް އަރާފައެވެ.

އިއްޔެ ރިޕޯޓު ކުރި 734 ކޭސްގެ ތެރެއިން މާލެ ސަރަހައްދުން ރިޕޯޓު ކުރި ކޭސްގެ އަދަދަކީ 540 އެވެ. މާލެ ސަރަހައްދުން ގިނަ އަދަދަކަށް ކޭސްތައް ފެނުމާއެކު އެޗްޕީއޭއިން ވަނީ މާލެ ސަހަރައްދުގައި ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގަން އިއުލާން ކޮށްފައެވެ