ކޯވިޑް-19 ގެ ހާލަތުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، މެއި 6، 2021 ގައި މާލެ ސަރަޙައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ރޭގަނޑު 9:00 ން ފަތިހު 4:00 އަށް ކާފިއު އިއުލާން ކޮށްފިއެވެ.

މި ގަޑީގައި މަގުމައްޗަށް ނުކުތުން ވަނީ އެޗްޕީއޭއިން މަނާ ކޮށްފައެވެ.

އެޗްޕީއެއިން ދާދި ދެންމެ އިއުލާން ކޮށް ބުނީ ކާފިއު ވަގުތުތަކުގައި ހިނގާބިނގާވެ ވެސް ނޫޅެވޭނެ ކަމަށާއި، އަދި އެއްގަމު އުޅަނދު ދުއްވުން ވެސް މަނާ ވާނެ ކަމަށެވެ.

މީގެ އިތުރުން މި ވަގުތުތަކުގައި ޒަރޫރީ ކަމެއް ޖެހިގެން ނުކުންނަން ޖެހޭ މީހަކަށް ހުއްދަ ދޫކުރާނީ ފުލުހުން ކަމަށެވެ.

މިރޭ ކާފިއު އިއުލާން ކުރި އިރު، ކާފިއު އިއުލާން ކުރުމަށް މަޝްވަރާ ކުރާކަން "ދަ ޕްރެސް" އިން ވާނީ މިރޭ ރިޕޯޓް ކޮށްފައެވެ.

މިއަދުވެސް ރާއްޖޭގައި ރެކޯޑް އަދަދަކަށް މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

މިއަދު ވެސް ރެކޯޑް އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. ވޭތުވެ ދިޔަ 24 ގަޑި އިރުގެ ތެރޭގައި 734 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވާއިރު އޭގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވް ވި 540 މީހުން ހިމެނެއެވެ. ދެން ހިމެނެނީ ހިންގަމުން ދާ ރިސޯޓުތަކުން 07 މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 186 މީހަކާއި އިންޑަސްޓްރީއަލް މަސައްކަތްތަކަށް ބޭނުންކުރާ ރަށްރަށުން ޕޮޒިޓިވްވި މީހެކެވެ.

ކޮވިޑް އެކްޓިވް ކޭސްގެ އަދަދު ވަނީ 7109 އަށް އަރާފައެވެ. ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ މީހުންގެ އަދަދު 198 އަށް އަރާފައި ވާއިރު ޑީއެޗް11 ވަނީ ފުލްވެފައެވެ. ކޮވިޑް މަރުގެ ޖުމްލަ އަދަދު ވަނީ 74 އަށް އަރާފައެވެ. ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 32،665 އަށް އަރާފައި ވާއިރު ބަލިން ރަނގަޅުވި މީީހުންގެ ޖުމްލަ އަދަދު 25،473 އަށް ވަނީ އަރާފައެވެ.