ރާއްޖޭގައި ކޮވިޑް-19އަށް ޕޮޒިޓިވްވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދޭން ޖެހޭ މިންވަރު އިތުރުވުމުން، ފަރުވާދޭން އިތުރު އައިސީޔޫތައް ހަދަން ނިންމައިފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވެ ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އިތުރުވެފައި ވާތީ އިތުރު އައިސީޔޫތައް އޮޕަރޭޝަނަލައިޒް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މާލެ ސަރަހައްދުގައި އިތުރު ސާމްޕަލް ކަލެކްޝަން ސެންޓަރެއް ހެދުމާއި އިތުރު ފްލޫ ކްލިނިކެއް މާލެ ސަރަހައްދުގައި ހެދުމަށް މިއަދު ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 އައިސީޔޫ ފެސިލިޓީ ފުރިފައިވާ ކަމަށެވެ. އަދި ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައިވެސް އެއް ޕޭޝަންޓަކު ފަރުވާ ހޯދަމުންދާ ކަމަށެވެ.

"ޑީއެޗް 11 އޮތީ ފުރިފައި. އިތުރު އައިސީޔޫތައް އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް އެބަކުރެވޭ. ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫ ފެސިލިޓީގެ 12 އެނދެއް މިހާރު އޮޕަރޭޝަނަށް ގެނެވިފައިވޭ. އަދި މާދަމާ އިތުރު 8 އެނދު އޮޕަރޭޝަނަށް ގެނެވޭނެ،"
މަބްރޫކް

ކޮވިޑަށް ޕޮޒިޓިވްވާ މާބަނޑު މީހުންގެ އަދަދު ގިނަވަމުން އަންނަ ކަމަށާއި އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލަށް ބަލާލާއިރު ވެސް މިދިޔަ ހަފްތާގައި ގިނަ އަދަދަކަށް ޕޮޒިޓިވް ވެފައިވާ މާބަނޑު މީހުން އެބަތިބި ކަމަށް އެޗްއޯއީސީން މައުލޫމާތު ދެއެވެ. އަދި އޭގެތެރެއިން އެއް ފަރާތެއް ސީރިއަސް ހާލަތުގައި ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 ގައި އެބައޮތް ކަމަށްވެސް އެޗްއީއޯސީން މައުލޫމާތު ދެއެވެ.