މާލެ ސިޓީގައި އިތުރު ފްލޫ ކްލިނިކަކާއި ސާމްޕަލް ސެންޓަރެއް ހަދަން ނިންމައިފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ މާލެ ސަރަހައްދުގައި އިތުރު ސާމްޕަލް ކަލެކްޝަން ސެންޓަރެއް ހެދުމާއި އިތުރު ފްލޫ ކްލިނިކެއް ހެދުމަށް މިއަދު ނިންމާފައިވާ ކަމަށެވެ. އަދި އިތުރު އައިސީޔޫތައް އޮޕަރޭޝަނަލައިޒް ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެފައި ވާއިރު، ރާއްޖެއިން މިއަދު 734 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައިވެސް ގިނައީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. އެގޮތުން 540 މީހުން މާލެ ސަރަހައްދުން ޕޮޒިޓިވް ވެފައި ވެއެވެ. އަދި އަތޮޅުތެރެއިން 186 ކޭސް ފެނިފައިވާ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ. މިއަދަކީ އެއް ދުވަހެއްގައި ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވް ދުވަހެވެ. އަދި ފާއިތުވި ދުވަސްތަކުގައި ރާއްޖެއިން ރެކޯޑު އަދަދަކަށް މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 32،665 އަށް އަރާފައެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 7109 ކޭސް އެވެ. މި ބަލިން 25،473 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 198 މީހަކަށެވެ. މި ބަލީގައި 74 މީހަކު ވަނީ މަރުވެފައެވެ.