ސަރުކާރުގެ ޕޮލިސީ ލެވެލްގައި ގެނައި ބަދަލުތަކާއެކު އެންވަޔަރަމަންޓް މިނިސްޓްރީގެ ނަން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް ޓެކްނޮލިޖީގެ ނަމަށް ބަދަލުކޮށް، ރައީސް އޮފީހުގައި ޕޮލިސީ ސެކްރެޓަރީ ކަމުގެ މަގާމުގައި ހުންނެވި އާމިނަތު ޝައުނާ އަށް މިނިސްޓަރު ކަން ދިން އިރު އޭނާގެ މައްސަލައެއް އޭސީސީން ބަލަމުންދާ ކަން ހާމަވެއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނީ، މި ވަގުތު ޝައުނާ އާ ގުޅޭ ގޮތުން އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ މައްސަަލއެއް ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

ޝައުނާގެ މައްޗަށް ތުހުމަތު ކުރެވޭ މި މައްސަލައަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީ ކޮށްފައިވާ ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދިނުމަށް ސަރުކާރު ތެރެއިން ޝައުނާ ނުފޫޒު ފޯރުވާފައިވާ ކަމުގެ ތުހުމަތެވެ.

އެޓޯލް ކޮމިއުނިކޭޝަން ކުންފުންޏަކީ ޝައުނާގެ މަސްލަހަތު އޮންނަ ކުންފުންޏެއް ކަމަށް ބުނެ، ސޯޝަލް މީޑިއާގައި އޭނާއަށް ފާޑުކިއުން އަމާޒުވެފައި ވާއިރު، އޭނާއަށް ކުރާ ތުހުމަތުތައް ޝައުނާ ވަނީ ދޮގުކުރައްވާފައެވެ.

އޭސީސީއަށް ހުށަހާޅާފައިވާ މައްސަލައަކީ ޕޮލިސީ ސެކްރެޓަރީގެ މަގާމުގައި ހުންނަވާ، މަގާމުގެ ހައިސިއްޔަތުން ޝައުނާއަށް ލިބިވަޑައިގެންފައިވާ މައުލޫމާތު، ކުރިން ޝައުނާގެ ހިއްސާ އޮންނަ އަދި މިހާރު އޭނާގެ ފިރިކަލުން މުހައްމަދު ތޯރިގް ހަމީދުގެ ހިއްސާ އޮންނަ އެޓޯލްސް ކޮމިއުނިކޭޝަން ކުންފުންޏާ ހިއްސާ ކުރެއްވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެވެ. އެޓޯލްސް ކޮމިއުނިކޭޝަން ކުންފުންޏަކީ ސީޕްލޭން ޓާމިނަލް ނުއަގުގައި ކުއްޔަށް ދިން ކަމަށް ޝައްކު ކުރެވޭ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ލަފާ ދިނުމަށް ހަވާލުކޮށްފައިވާ ކުންފުންޏެވެ.

އެޓޯލްސް ކޮމިއުނިކޭޝަނުން ޓީއެމްއޭއަށް ލަފާ ދެމުން ދާއިރު، އެ ދެ ކުންފުނީގެ ދެމެދުގައި ވެސް އެއްބަސްވުންތައް ބަދަލުވެފައިވާ ކަމުގެ މައުލޫމާތު ލިބެއެވެ. އެގޮތުން، ޓީއެމްއޭ ބޭނުންވާ ގޮތަށް ސީޕްލޭން ޓާމިނަލް ކުޑައަގެއްގައި ޓީއެމްއޭއަށް ލިބިއްޖެނަމަ، އެޓޯލް ކޮމިއުނިކޭޝަނަށް 18 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް އެއްބަސްވެފައި ވާކަމަށް މައުލޫމާތު ލިބެއެވެ. އަދި އެމްއޭސީއެލާއި ޓީއެމްއާ ދެމެދު ސީޕްލޭން ޓާމިނަލްގެ އެއްބަސްވުމުގައި ސޮއި ކުރެވޭ ދުވަހުން ފެށިގެން 5 އަހަރު ދުވަހުގެ މުއްދަތަށް ޓީއެމްއޭގެ މީޑިއާގެ އެކި ކަންކަމާ ގުޅޭގޮތުން ލަފާ ހޯދާ ކުންފުނީގެ ގޮތުގައި އެޓޯލްސް ކޮމިއުނިކޭޝަން ހަމަޖެއްސުމަށް ވެސް ދެ ކުންފުނިން ވަނީ އެއްބަސްވެފައެވެ.