ކޮވިޑްގެ ހާލަތުގެ ގޯސްވެ ހޮސްޕިޓަލްތަކުގެ އައިސީޔޫ ފުރޭއިރު ހާއްސަ ހާލަތެކޭ ކިޔާ ބޭރު ޓީމުތައް ގެންނާތީ ދީނީ އިލްމުވެރިޔާ ޝެއިހް އަލީ ޒައިދު ފާޑު ވިދާޅުވެއްޖެއެވެ.
ރޭ ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އިތުރުވެ ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫ ގާތްގަނޑަކަށް ފުރިފައިވާ ކަމަށް ވިދާޅުވެފައެވެ.
އޭގެ އިތުރުން އޭއެފްސީ ކަޕުގައި ރާއްޖޭގެ ކްލަބު އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ބައްދަލުކުރާ މެޗަށް ބޭރުގެ ކުޅުންތެރިން ރާއްޖެ ގެނައުމަށް ހުއްދަ ދެވޭނެ ކަމަށް ވެސް މަބްރޫކް ވަނީ ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހޮސްޕިޓަލް އައިސީޔޫ ފުރުނު ކަމަށް ނޫސްތަކުން ރިޕޯޓުކޮށްފައިވާއިރު މި ހާލަތުގައި ކުޅިވަރުގެ ހަރަކާތްތަކަށް ބޭރުން ޓީމުތައް ގެނެސް، އިސްތިސްނާ ހާލަތެކީ ބުނެ މިފަދަ ކަންކަން ކުރުމަކީ ބަލާގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ރޭގެ ޕްރެސް ކޮންފަރެންސްގައި މަބްރޫކް އިތުރަށް ވިދާޅުވީ ރާއްޖޭން ބޭރުން އަންނަ ޓީމެއް ނަމަ އެންމެންގެ ނެގެޓިިވް ޕީސީއާރު ޓެސްޓް އޮންނަން ވާނެ ކަމަށާ، ރާއްޖެ އައިސް ތިބޭނީ ވަކިން ހާއްސަ ކުރެވިފައިވާ ފެސިލިޓީއެއްގައި ކަމަށެވެ. އަދި އެ ފެސިލިޓީން އެހެން ތަނަކަށް ދިޔުމުގެ ހުއްދަ ނުދެވޭނެ ކަމަށާއި ހަމައެކަނި ދަތުރުކުރުމުގެ ފުރުސަތު ދެވޭނީ ފެސިލިޓީން ދަނޑަށް ކަމަށެވެ.
މިމަހުގެ 11 ވަނަ ދުވަހު ކުޅޭ މެޗަށް އިންޑިއާގެ ބެންގަލޫރު އެފްސީ ޓީމު މި ހަފުތާ ތެރޭގައި އަންނާނެއެވެ.
ޒައދޫ ޓީމްތައް ގެންނަނީ އައިސީޔޫގަ އެޑުމިޓް ކުރާކަށް ނޫނޭ