ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ޑްރައިވިން ލައިސަންސަށް އެދި އަލަށް ހުށަހަޅާ ފަރާތްތަކަށް ހިދުމަތް ދިނުން މެދު ކަނޑާލައިފިއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ ކޮވިޑް-19 ގެ ހާލަތު އިތުރަށް ގޯސްވެފައިވާތީ އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ޑްރައިވިން ލައިސަންސަށް އަލަށް އެދޭ ފަރާތްތަކަށް އެ ހިދުމަތް ދިނުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ.
ނަމަވެސް މުއްދަތު ހަމަވެފައިވާ ލައިސަންސް ކާޑު އާ ކޮށްދިނުމުގެ އިތުރުން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ދެމުންދާ އެހެނިހެން ހިދުމަތްތައް އޮންލައިންކޮށް ދެމުންގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ވަނީ މިދިޔަ ފެބްރުއަރީ މަހު ވެސް އަލަށް ލައިސަންސަށް އެދި ހުށަހެޅުމުގެ ފުރުސަތު ހަފްތާއަކަށް މެދުކަނޑާލާފައެވެ.
ރޯދަ މަސް ފެށުމާ ގާތްވެފައި ވަނިކޮށް މާލެ ސަރަހައްދުގައި ކޮވިޑުން ރައްކާތެރިވުމަށް ކުރިން އަޅާފައިވާ ފިޔަވަޅުތައް ވަނީ އުވާލައި ލުއިތައް ދީފައެވެ. އެގޮތުން ރެސްޓޯރަންޓްތައް ހުޅުވާލުމާ އެކު ރޯދަ ވީލުމާއި ހަވީރު ފިންޏަށް ނުކުމެ މައިޒާންތަކަށް އާއިލާތައް އެކީގައި ޒިޔާރަތް ކުރުން ވަނީ އިތުރުވެފައެވެ. ނަމަވެސް ރޯދަމަސް ފެށިގެން މެދެއްހާ ހިސާބަށް އައި އިރު ކޭސްތައް އަންނަނީ އިތުރު ވަމުންނެވެ.
އެގޮތުން މިހާރު އެޗްޕީއޭއިން ވަނީ ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެ ގޮތުން މާލެ ފިޔަވާ އެހެން ރަށްރަށުގައި ދިރިއުޅޭ މީހުން އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން ހުއްޓާލުމަށް ވަނީ އަންގާފައެވެ. ހަމައެއާއެކު މާލެ ސަރަަހައްދުގައި ވެސް ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ކާފިއު ވަގުތެއްގެ ގޮތުގައި ރޭގަނޑު 12 އިން ފަތިހު 4 އަށް ހަމަޖއްސާ އެވަގުތު ދުއްވާ އެއްޗެހި ދުއްވުން މަނާ ކުރުމަށް ވަނީ އަންގާފައެވެ.