މާލެ ޖަލާއި، މާފުށީ ޖަލު އަދި އައްސޭރި ޖަލުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 78 އަށް އަރައިފިއެވެ.
ކަރެކްޝަނުން އާންމުކުރި މައުލޫމާތު ތަކުން ދައްކާގޮތުގައި ޕޮޒިޓިވްވި 78 މީހުންގެ ތެރޭގައި ހިމެނޭ 53 މީހުންނަކީ ޖަލު އޮފިސަރުންނާއި މުވައްޒަފުންނެވެ. އަދި 25 މީހުންނަކީ ގައިދީންނާއި ބަންދު މީހުންނެވެ.
އެގޮތުން މާލެ ޖަލުން 4 އޮފިސަރުން ޕޮޒިޓިވް ވެފައި ވާއިރު 25 ގައިދީން ވަނީ ޕޮޒިޓިވް ވެފައެވެ. މާފުށި ޖަލުން 31 އޮފިސަރުން ޕޮޒިޓިވް ވެފައި ވާއިރު މާފުށި ޖަލުން އެއްވެސް ގައިދީއަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ.
އައްސޭރި ޖަލުން 18 އޮފިޝަރުން ޕޮޒިޓިވް ވެފައި ވާއިރު އެޖަލުން އެއްވެސް ގައިދީއަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ.
މިހާތަނަށް 97 އޮފިސަރުން ކަރަންޓީނުގައި ހުރިއިރު 17 ގައިދީއަކު ވެސް ހުރީ ކަރަންޓީނުގައެވެ.
މިދިޔަ ހަފްތާއިން ފެށިގެން ކޮވިޑްގެ ކޭސްތައް އަންނަނީ އިތުރު ވަމުންނެވެ. އެގޮތުން އިއްޔެވެސް ޖުމުލަ 585 މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.
ކޮވިޑް ކެސްތައް އިތުރު ވަމުން ދިޔުމާއި ގުޅިގެން އެޗްޕީއޭ އިން ވަނީ އަނެއްކާވެސް ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. އެގޮތުން ދަންވަރު 12 އިން ފަތިހު 04 އަކަށް ވެހިކަލް ދުއްވުން މަނާ ކުރުމާއި ސަރުކާރު އޮފީސްތަކާއި ސްކޫލުތައް ކުރިޔަށް އޮތް ދިހަދުވަހަށް ވަނީ ބަންދު ކޮށްފައެވެ.
އޭގެ އިތުރުން 2 ޑޯޒް ވެކްސިން ފުރިހަމަ ކުރުމަށް ފަހު ކަރަންޓީނާއި ނުލާ ރަށްރަށަށް ދިޔުމަށް ހުއްދަދިނުމަށް ވެސް ވަނީ ވަގުތީގޮތުން ހުއްޓާލާފައެވެ. އަދި އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުންވެސް ވަނީ މަނާކޮށްފައެވެ.