ރާއްޖޭގައި ކޮވިޑަށް ޖަހަމުން ދިޔަ ވެކްސިންގެ ތެރެއިން ކޮވިޝީލްޑް 3 ލައްކަ ޑޯޒް ހުސްވެފައިވާ އިރު، މިވަގުތު ސިނޯފާމް ވެކްސިންގެ ވެސް ބާކީ ހުރީ 22،000 ޑޯޒްކަން ހާމަވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން މިހާރު ވަނީ ވެކްސިން ޖެހި މީހުންގެ ތަފްސީލް ހާމަކޮށްފައެވެ. އެ ގޮތުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު 297،639 އަށް އަރާފައި ވާއިރު، އޭގެތެރެއިން ކޮވިޝީލްޑް ފުރަތަމަ ޑޯޒް ޖެހީ 228،634 މީހުން ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ފައިޒާގެ ފުރަތަމަ ޑޯޒް ޖެހީ 1140 މީހުން ކަމަށް އެ އެޖެންސީން ބުނެއެވެ. އަދި ސިނޯފާމްގެ ފުރަތަމަ ޑޯޒް މިހާތަނަށް ޖަހާފައި ވަނީ 67،865 މީހުން ކަމަށް ވެސް ބުނެއެވެ.

ކޮވިޝީލްޑް ވެކްސިން

  • ފުރަތަމަ ޑޯޒް ޖެހީ: 228،634 މީހުން
  • ދެވަނަ ޑޯޒް ޖެހީ: 98،436 މީހުން

ފައިޒާ ވެކްސިން

  • ފުރަތަމަ ޑޯޒް ޖެހީ: 1140 މީހުން
  • ދެވަނަ ޑޯޒް ޖެހީ: 4 މީހުން

ސިނޯފާމް ވެކްސިން

  • ފުރަތަމަ ޑޯޒް ޖެހީ: 67،865 މީހުން
  • ދެވަނަ ޑޯޒް ޖެހީ: 10،054 މީހުން

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު 108،494 އަށް އަރާފައިވާ އިރު އޭގެތެރެއިން ކޮވިޝީލްޑް ދެވަނަ ޑޯޒް ޖެހީ 98،436 މީހުން ކަަމަށް އެޗްޕީއޭ އިން ބުނެއެވެ. އަދި ފައިޒާ ވެކްސިން ގެ ދެވަނަ ޑޯޒް ޖެހީ 4 މީހުން ކަމަށް އެޗްޕީއޭއިން ބުނާއިރު، ސިނޯފާމްގެ ދެވަނަ ޑޯޒް ޖަހާފައިވާ މީހުންގެ އަދަދަކީ 10،054 އެވެ.

ރާއްޖެއަށް ކޮވިޝީލްޑް ވެކްސިންގެ މިހާތަނަށް 312،000 ޑޯޒް ލިބިފައިވަ އިރު އެވެކްސިންތައް ވަނީ ހުސްވެފައެވެ. ސިނޯފާމް ވެކްސިންގެ 1 ލައްކަ ޑޯޒް ޗައިނާއިން ހަދިޔާ ކޮށްފައިވަ އިރު މިހާރު ވެކްސިންގެ 77،919 ޑޯޒް ވަނީ ޖަހާފައެވެ. އެހެންކަމުން ދެން ބަކީ ހުރީ 22،081 ޑޯޒެވެ. އަދި ފައިޒާ ވެކްސިންގެ ބާކީ ހުރީ 4706 ޑޯޒެވެ.

ސިނޯފާމް ވެކްސިންގެ 1 ލައްކަ ޑޯޒް ޗައިނާއިން ހަދިޔާ ކޮށްފައިވަ އިރު މިހާރު ވެކްސިންގެ 77،919 ޑޯޒް ވަނީ ޖަހާފައެވެ. އެހެންކަމުން ދެން ބަކީ ހުރީ 22،081 ޑޯޒެވެ.

ސަރުކާރުން ބުނެފައި ވަނީ އަންނަ ޖުލައި މަހު ކޮވިޝީލްޑް ވެކްސިންގެ އާ ޝިޕްމަންޓެއް އަންނާނެ ކަމަށެވެ. ނަމަވެސް ކުރިއަށް 2 ހަފްތާއެއްގެ ތެރޭގައި ޝިޕްމަންޓެއް ލިބޭތޯ މަސައްކަތް ކުރާ ކަަމަށްވެސް ސަރުކާރުން ބުނެއެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ރާއްޖެ ވެކްސިނަށް ޖެހުނީ، ރާއްޖެއަށް ލިބެން ލިބުނު ވެކްސިން ޖެހުމުގައި ސަރުކާރުން ގެންގުޅުނު ސިޔާސަތެއްގެ ސަބަބުންނެވެ. އެގޮތުން އިންޑިއާއިން ފުރަތަމަ ލިބުނު 100،000 ޑޯޒް އެއްލައްކަ މީހުންނަށް ޖެހުމަށް ފަހު، ދެން ލިބުނު 100،000 ޑޯޒް 2 ވަނަ ބުރަކަށް ނުބަހައްޓާ އިތުރު 1 ލައްކަ މީހުންނަށް ޖެހުމަކީ ސަރުކާރުން ހެދި ގޯހެއް ކަމަށް މީހުން ބުނެއެވެ. އަދި އޭރު ސަރުކާރުން ލާރި ދައްކާފައި އޮތް 700،000 ޑޯޒް އައުން ލަސްވެ، އިންޑިއާއިން އިތުރު 2 ލައްކަ ޑޯޒް ގަންނަން މަޖުބޫރު ވި ކަމަށާއި، އިންޑިއާގެ ހާލަތު ގޯސްވި އިރު ރާއްޖެއަށް ގެނެވުނީ 1 ލައްކަ ޑޯޒެވެ. އެހެން ކަމުން ކޮވިޝީލްޑުގެ ފުރަތަމަ ބުރުގެ މުއްދަތު ހަމަވާ މީހުންނަށް ޖަހަން ވީއިރު 1 ލައްކަ ޑޯޒް މަދުވުން (ނުލިބުން) ވެގެން ދިޔައީ ރާއްޖެ ވެކްސިނަށް ޖެހުނު ސަބަބަކަށެވެ.

މިހާރު ކޮވިޝީލްޑް އާންމުކޮށް ޖެހުން ހުއްޓާލާފައި ވާއިރު، ޗައިނާއިން ލިބުނު ސިނޯފާމް އަދި ޖަހަމުން އެބަ ގެންދެއެވެ. ނަމަވެސް ސިނޯފާމްގެ ވެސް މިހާރު ބާކީ ހުރީ 22،000 ޑޯޒެވެ.