2020 އަހަރު ބޯމަތިވެގެން އައީ މި ފަހުގެ ތާރީހުގައި ދުނިޔެ ނުދޭކޭ ފަދަ ބަލި މަޑުކަމަކާ އެކީގައެވެ. ދުނިޔޭގައި މިހާރުވެސް ހަލުވިކަމާ އެކު ފެތުރެމުން ދާ ނޯވަލް ކޮރޯނާ ވައިރަހަކީ އެކި ގޮތް ގޮތުން ބަލާލިކަމުގައި ވިޔަސް މީހުންގެ ދިރިއުޅުމާއި ގައުމުތަކުގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނުވި އަދި ގެންނަމުންދާ އެއްޗެކެވެ. ކަން މިހެން އޮތް އިރު ދުނިޔޭގެ އިގުތިސޯދަށް ބޮޑެތި ބަދަލުތަކެއް ގެނުވައި އެ ގެއްލުންތަކުން އަރައިގަނެވޭނެ މަގުތައް ހޯދަން ޖެހިފައި ވާއިރު، މީގެ ތެރެއިންވެސް އިގުތިސޯދީ ގޮތުން އެންމެބޮޑު ގެއްލުމެއް ލިބޭނެ ގައުމަކަށް ވޯލްޑްބޭންކުން ވެސް ފާހަގަ ކުރާ އެއްގައުމަކީ އަޅުގަނޑުމެންގެ ދިވެހިރާއްޖެއެވެ.
ކޮވިޑް-19ގެ ބަލިމަޑުކަން ހަލުވިކަމާ އެކު މުޅިދުނިޔެއަށް ފެތުރިގަތުމާ އެކު ފެބްރުއަރީ 3، 2020 ގައި ދިވެހިރާއްޖެއަށް އެތެރެވާ މީހުން (ޗައިނާގައި ތިބި ދިވެހިން ފިޔަވާ) ވަކި ގައުމަކަށް ބެލުމެއްނެތި ހުއްޓުވާލިއެވެ. ގިނަބައެއްގެ ފާޑުކިންތައް އަމާޒުވި ނަމަވެސް ސަރުކާރުގެ ވިސްނުން ހުރީ ވައިރަސް ރާއްޖެއަށް އެތެރެވިޔަ ނުދިނުމަށެވެ. ނަމަވެސް ރާއްޖޭގައި ބަންދުވެފައި ތިބި މީހުންނާއި ރާއްޖެ ނާދެވިފައި ތިބި މީހުން ގެނައުމުގެ ނަމުގައި ފްލައިޓްތައް ދިޔައީ އޮޕަރޭޑް ކުރަމުންނެވެ. ނަތީޖާއަކަށް ވީ މާޗް 7، 2020 ވަނަ ދުވަހު ރާއްޖެއިން ދެ ޓޫރިސްޓަކު ކޮވިޑް19 އަށް ޕޮޒިޓިވް ވުމާއެކު ކޮވިޑް 19 އިގެ ބިރުވެރިކަން ދިވެހިންގެ ތެރޭގައި ވެސް ފެތުރިގެން ދިއުމެވެ. މިއާ އެކު މާރިޗް 12، 2020 ގައި ސިއްހީ ކުއްލިނުރައްކަލުގެ ހާލަތު އިއުލާން ކޮށް ފިޔަވަޅުތައް ވަރުގަދަ ކުރިއެވެ.
މިއާއެކު ދިވެހި އިގުތިސޯދުގެ މައިލޭނާރު ކަމުގައިވާ ޓޫރިޒަމް މުޅިން ހުއްޓުމަކަށް އައެވެ. ގައުމު ހިންގުމަށާއި މަސައްކަތުގެ މާހައުލަށް ވަރަށް ބޮޑު ލޮޅުން ތަކެއް އަރައިގެން ދިޔުމެވެ. އެންމެ ބޮޑު ލޮޅުމެން އަރައިގެން ދިޔައީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުން ގެންދިޔަ ފަރާތްތަކަށެވެ. ގިނަބައެއްގެ ވަޒީފާ ގެއްލި ގިނަ ޒުވާނުން ހާލުގައި ޖެހުނެވެ. އެހެންކަމުން ރައްޔިތުންގެ ކަންބޮޑުވުންތަކާ އެކު ސަރުކާރުން "ރިލީފް ޕެކޭޖު ތަޖެއް" ތައާރަފު ކޮށް ތަފާތު އެކި ޕެކޭޖްތަކުން ސަބްސިޑީ އާއި އިންކަމް ސަޕޯޓްގެ ގޮތުގައި ވަޒީފާ ގެއްލުނު ފަރާތްތަކަށް މަހަކު 5000 ރުފިޔާއަށް ވުރެ ބޮޑުނުވާނެހެން އެހީ ފޯރުކޮށް ދެމުންގެން ގެންދިޔައެވެ. މި ކަންތައްތަކަކީ ނިމިދިޔަ އަހަރު 2.5 ބިލިޔަން ރުފިޔާގެ އިގުތިސޯދީ ރިކަވަރީގެ ތެރެއިން ހަރަދުވި ފައިސާ ކަމުގައި ސަރުކާރުން ބުނެއެވެ. މިއެހީތައް ވެގެން ދިޔައީ ދިވެހި ރައްޔިތުން ނުހަނު އުފަލާ އެކު ބަލައިގަތް އެހީތަކެއް ކަމުގައެވެ. ނަމަވެސް އެހީތައް ދެވެމުން ދިޔަ ގޮތާ ބެހޭ ގޮތުންނާއި ލިބެން ޖެހޭ ފަރާތްތަކަށް ނުލިބި ދިޔުމުގެ ޝަކުވާ ދިޔައީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ.
ކޮވިޑްގެ ހަރަދުތަކުގެ ގޮތުގައި މިހާތަނަށް ދައުލަތުން ހަރަދުކުރި 4 ބިލިޔަނާ އެކު ދައުލަތުގެ ދަރަނި 70 ބިލިއަނަށް ވުރެ މަތިވެގެން ވަނީ ގޮސްފައެވެ. ކޮވިޑްގެ އެންމެ ނާޒުކު ދަރަޖައަށް ދުނިޔެ ދިޔަނަމަވެސް އެކަމަށްވެސް ތައްޔާރުވުމުގެ ގޮތުން އެއްވެސް ބެލުމެއް ނެތި ސިއްހީ ހިދުމަތްތައް ރަނގަޅު ކުރުމުގެ ނަމުގައި މިފަދަބޮޑު ހަރަދެއް ކުރި އިރު، ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުވެފައި ވަނީ ކިހާވަރަކަށްތޯ ސުވާލު އުފައްދަން ޖެހެއެވެ. ރާއްޖޭގައި މިހާރު ޕޮޒިޓިވް ވަމުން ދާ ނިސްބަތް ދަށް ނުކުރެވި ދާކަމަށް ވަންޏާ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ސިއްހީ ނިޒާމަށް ނުކަތާމިންވަރަށް ހާލަތު ގޯސްވެދާނެ ކަމުގެ ވާހަކަ މިއަދުވެސް ދައްކާ އިރު އެ ކުރި ހަރަދަކީ ކޮބާތޯ ސުވާލު އުފައްދަން ޖެހޭ ނޫންހެއްޔެވެ.
އެކަށީކެންވާ މިންވަރަށް ވެންޓިލޭޓަރު ނެތް ވާހަކައިގެ އަޑު އަދިވެސް ކެނޑިގެންނުދެއެވެ. އެކަށީގެންވާ މިންވަރަށް އައިސީޔޫ އެނދު ނެތްވާހަކައާއި ވަސީލަތް ނެތްވާހަކަ ރޭ ވެސް އެޗްޕީއޭއިން ދެއްކިއެވެ.
ކޮވީޑާ ގުޅިގެން އޮތް ހާލަތު ރަނގަޅު ކުރަން ކުރުމުގެ ނަމުގައި ވީ އެއްކަމެއްވެސް އެބައޮތްތޯ ސާފު ކުރަން ޖެހެއެވެ. އޮކްސިޖަން ހަމަ ކުރަން ހޯދި ސިލިންޑަރު ކޮޅާއި، ވެންޓިލޭޓަރު ތަކާއި، އެހެނިހެން މެޑިކަލް ސާމާނު ހޯދުމުގައި ބޮޑު އިހުމާލެއް ވެފައި ވާކަމަށް އޯޑިޓް ރިޕޯޓުތަކުން ދައްކާ އިރު އަދި އިގްތިސާދީ މިފަދަ ބޮޑު ކާރިސާއެއްގައި އުޅެނިކޮށް ދައުލަތުގެ މާލިއްޔާއިން މިކުރީ ކީއްހެއްޔެވެ.
މިބަލިމަޑުކަމުގައި ދުނިޔޭގެ އިގްތިސާދުތައް ފުނޑި ގައުމުތައް ދަރަނިވެރިވެ އިގްތިސާދީ ކާރިސާއަކާ ދިމާލަށް ހިނގައިދާނެ ކަމުގެ އިންޒާރު ވޯލްޑްބޭންކުން ދެމުން ދިޔަ ނަމަވެސް ރާއްޖެއިން މިކަމާ ކަންބޮޑުވެގެން އުޅޭހެނެއް ހިޔެއް ނުވެއެވެ. ދުވަހެއް ދުވަހަކަށް ދަރަނި ވަނީ ބޮޑެވެ. މިދިޔަ އަހަރު ނިމިގެން ދިޔައިރު ރާއްޖޭގެ ފިޒިކަލް ޑެފިސިޑް ގާތްގަނޑަކަށް 900 މިލިއަން ޑޮލަރަށް އަރައެވެ. މިއީ ދިވެހިރާއްޖޭގެ ޖުމްލަ ޖީޑީޕީގެ 20 ޕަސެންޓެވެ. އަހަރު ނިމުނު އިރު ގެރެންޓީ ދީގެން ނަގާފައިވާ ލޯނުތަކުގެ އަދަދު 5.6 ބިލިއަން ޑޮލަރަށް އަރައެވެ. ދައުލަތުގެ ދަރަނި އަދި ވަކިން ހާއްސްކޮށް ކޮވިޑް19 ގެ ސަބަބުން ސިއްހީ ދާއިރާއަށް މިހާ ބޮޑު ހޭދައެއް ކުރިއިރު އުފެދޭ ސުވާލަކީ ދައުލަތުން ކުރި ހަރަދާ އެއްވަރުގެ ނަތީޖާއެއް ފެނިފައި ވޭތޯއެވެ. ކޮވިޑް-19ގެ ނަމުގައި ނުހައްގުން މުދާ ހޯދުމާއި އެކި އެކި ލޯނުނެގުމާއި ލިބުނު ހިލޭ އެހީތަކަކީ ދިވެހި ގައުމުގެ ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގެން ޖެހޭ ކަންތައްތަކެއް ކަމުގައި ވީ ހިނދު މީގެ އެންމެ ތެދު ސާފު ސީދާ މަޢުލޫމާތު، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށް ދެމުން ނުދެއެވެ. ކޮވިޑާ ގުޅިގެން 4 ބިލިއަން ރުފިޔާ ހަރަދު ކުރި އިރު ހޯދި ނަތީޖާއެއްވެސް ބުނެއެއް ނުދެއެވެ.