ކޮވިޑް ކޭސްތައް މިހާރު އިތުރުވަމުން ދާތީ ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކުގެ ތެރެއިން ރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ މިސްކިތެއްގައި ގައިދުރު ކަމާއެކު ޖަމާއަތުގައި ނަމާދު ކުރަން އަންގައިފިއެވެ.

މިހާރު ހެލްތް އެމްޖެންސީ އޮޕަރޭޝަން ސެންޓާ (އެޗްއީއޯސީ) އިން ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާލުވީ މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުރިހާ މިސްކިތް ތަކެއްގައި ގައިދުރު ކަމާއެކު ނަމާދު ކުރާ ގޮތަށް ނިންމާފައި ވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ، މިސްކިތްތަކުގައި ނަމާދުކުރާ އިރު ނޭފަތާއި އަނގަ ނިވާވާ ގޮތަށް މާސް އަޅަން ޖެހޭނެ ކަމަށެވެ. އަދި މިސްކިތްތަކަށް ނަމާދުކުރަންދާ އިރު، އަމިއްލަ މުސައްލަ ގެންދިއުމަށް ވެސް ވަނީ އަންގާފައެވެ. މީގެ އިތުރުން މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދުކުރާއިރު ގައިދުރުކޮށް ތިބުމަށްވެސް އެޗްޕީއޭގެ އެންގުމުގައި ބުނެފައިވެ އެވެ.

މިއަހަރު ފެށުނީއްސުރެ 100 އިން މަތިން ޕޮޒިޓިވްވާ އިރު އަދަދުތައް ކޮންޓްރޯލް ކުރުމުގެ ގޮތުން އެޗްޕީއޭ އިން ގިނަ ފިޔަވަޅުތަކެއް އެޅިއެވެ. ނަމަވެސް ރޯދަ މަސް ފެށުމާ ގާތްވެފައި ވަނިކޮށް އެޗްޕީއޭއިން ވަނީ ލުއިތަކެއް ދީ މިސްކިތްތަކުގައި ވެސް ގައިދުރުކަމާ އެކު ނަމާދު ކުރުމަށ ކުރިން އެލީ ފިޔަވަޅު އުވާލާފައެވެ.

ވޭތުވެ ދިޔަ 10 ދުވަސް ތެރޭ މިއަންނަނީ ކޮވިޑް ޕޮޒިޓިވް ކޭސްތައް ދުވަހުން ދުވަހަށް އިތުރު ވަމުންނެވެ. އެ ގޮތުން އިއްޔެއާއި މިއަދު ކޭސްތައް މިވަނީ 500 އިން މައްޗަށް ރިޕޯޓްކޮށްފައެވެ. އެގޮތުން މިއަދު ވަނީ 585 މީހަކު ޕޮޒިޓިވް ވެފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.