ކޮވިޑް ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖޭގައި ވެކްސިން ޖަހައިދިނުމަށް ކުރިއަށް ގެންދާ ކެމްޕޭންގެ ދަށުން ހުޅުމާލެ ވެކްސިން ސެންޓަރަށް މިރޭ ވެކްސިން ޖަހަން ކިއު ހެދި މީހުން ގިނަ ވެ އާންމުން ޝަކުވާ އުފުލަން ފަށައިފިއެވެ.
މިވަގުތު މާލެ ސަރަހައްދުގައި ކޮވިޑް ވެކްސިންގެ ގޮތުގައި ޖަހައިދެމުން އައި ކޮވިޝީލްޑް ވެކްސިން ހަމައެކަނި ޖަހައިދެމުން އަންނަނީ ދެވަނަ ޑޯޒް ޖަހާ މީހުންނަށް އެކަންޏެވެ. އެ ގޮތުން މި ވެކްސިން ހަމައެކަނި ޖަހައިދެނީ ސޯޝަލް ސެންޓަރުންނާއި ހުޅުމާލެ ވެކްސިން ސެންޓަރުންނެވެ.
ވެކްސިން ޖަހަން ގިނަ އިރުތަކެއް ވަންދެން މީހުން ކިއުގައި ޖެހެން ޖެހުމާއި އަދި ތޮއްޖެހިގެން އެތާ ގިނައިރު ތިބެގެން ނަންބަރު ހޯދަން ޖެހުމަކީ ކޮވިޑް ޖެހޭނެ ކަމެއް ކަމަށް އެޗްޕީއޭއިން ނުބަލާތީ އާންމުން އަންނަނީ ޝަކުވާ ކުރަމުންނެވެ. އަދި މާލޭގައި ދިރިއުޅޭ އެތައް ބަޔަަކަށް ހުޅުމާލެއަށް ވެކްސިންޖަހަން ދިއުމަކީ ވެސް ބުރަ ކަމެއްގެ ގޮތުގައި ސިފަކޮށް މީހުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
މިއަދު ހަވީރު ވީ އިރުވެސް ސޯޝަލް ސެންޓަރު ކައިރި ވަނީ ގިނަ ބަޔަކު ކިއުގައި ޖެހިފައެވެ. އަދި ރޭ ސޯޝަލް ސެންޓަރުން ވެކްސިން ޖަހައިދިނުމަށް ނަންބަރު ދޫކުރި މީހުންނަށް ވެކްސިން ޖަހައި ނުދިނުމުން ސޯޝަލް ސެންޓަރުގައި ވަނީ ހަމަނުޖެހުން ހިންގާފައެވެ. އެހެންކަމުން ސޯޝަލް ސެންޓަރުން ބުނެފައި ވަނީ ރޭގަ ކިއު ގައި ޖެހިގެން ނަންބަރު ދޫކުރި މީހުންނަށް މިރޭ ކިއުގައި ނުޖެހި ވެކްސިން ޖަހައިދޭނެ ކަަމަށެވެ.
ސޯޝަލް ސެންޓަރުން ވެކްސިން ޖެހުމަށް މިރޭ 1000 ނަންބަރު ދޫކުރުމަށް ހަމަޖެހިފައި ވީ ނަމަވެސް ގިނަ ބަޔަކު އެ ސަރަހައްދުގައި ހަވީރުއް ސުރެ ކިއުގައި ޖެހިފައި ވާތީ ގިނަ ބަޔަކު ކޮވިޝީލްޑް ވެކްސިން ޖެހުމަށް ވަނީ ހުޅުމާލޭގައި ހުންނަ ވެކްސިން ސެންޓަރަށް ގޮސްފައެވެ. އެ ސެންޓަރު ކައިރީވެސް ގިނަ ބަޔަކު ކިއުގައި ޖެހިފައި ތިބި ނަމަވެސް އެ ސެންޓަރުން ވެކްސިން ޖަހައިދިނުމަށް މިރޭ ދޫކުރުމަށް ހަމަޖެހިފައި ވަނީ 250 ނަންބަރެވެ.
މި ރޯދަމަސް ފެށުނު ފަހުން އާންމުންގެ ގިނަ ޝަކުވާތަކެއް ފެންމަތިވުމުން އެޗްޕީއޭއިން ވަނީ ކިއުބީ މެދުވެރިކޮށް ނަންބަރު ދޫކުރާ ގޮތަށް ހަމަޖައްސާފައެވެ. ނަމަވެސް ފަހުން އަނެއްކާ ވެސް މިވަނީ ކިއުގައި ޖެހިގެން ނަންބަރު ދޫކުރާ ގޮތަށް ނިންމާފައެވެ. މިކަމާ ގުޅިގެން އަދި އެޗްޕީއޭގެ ބަހެއް ލިބިފައެއް ނުވެއެވެ.