މިއަދު ވެސް ރެކޯޑް އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. ވޭތުވެ ދިޔަ 24 ގަޑި އިރުގެ ތެރޭގައި 4255 ސާމްޕަލެއް ޓެސްޓް ކޮށްފައި ވާއިރު، މިއަދު 585 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 397 މީހަކާއި، ހިންގަމުން ދާ ރިސޯޓުތަކުން 11 މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 1 60މީހަކާއި ހަދަމުންދާ ރަށްތަކުން 2 މީހަކާއި އިންޑަސްޓްރީއަލް މަސައްކަތްތަކަށް ބޭނުންކުރާ ރަށްރަށުން 15 މީހެކެވެ.

މިއަދުގެ ކޮވިޑް އަޕްޑޭޓް

  • މިއަދު ޕޮޒިޓިވްވި އަދަދު: 585
  • ކޮވިޑް އެކްޓިވް ކޭސް: 6033
  • ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ މީހުންގެ އަދަދު: 173
  • ކޮވިޑް މަރުގެ ޖުމްލަ އަދަދު: 74
  • ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު: 31،330
  • ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 25،214

މިހާރު ކޮވިޑް ކޭސްތައް އިތުރުވަމުން އަންނަ އިރު ރާއްޖޭގައި އާ ވޭރިއަންޓް އުޅޭ ކަމަށް ލަފާ ކުރެވޭ ކަމަށާއި އެކަން ދެނެގަތުމަށް ދިރާސާ ކުރަމުންދާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެގޮތުން މާލޭ ސަރަަހައްދުގައި ވެސް ކޭސްތައް އިތުރުވަމުން އަންނަ ކަން ފާހަގަ ކުރެވޭ ކަމަށާއި ފްލޫ ކްލިނިކަށް ދައްކާ މީހުންގެ ތެރެއިން ޕޮޒިޓިވްވާ މިންވަރު ވެސް މައްޗަށް ދާ ކަން ފާހަގަ ކުރެވިފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ވޭތުވެ ދިޔަ 10 ދުވަހުގެ ކޮވިޑް ކޭސްތައް:

  • މެއި 2 - 508 ޕޮޒިޓިވް ކޭސް
  • މެއި 1 - 402 ޕޮޒިޓިވް ކޭސް
  • އޭޕްރިލް 30 - 465 ޕޮޒިޓިވް ކޭސް
  • އޭޕްރިލް 29 - 318 ޕޮޒިޓިވް ކޭސް
  • އޭޕްރިލް 28 - 464 ޕޮޒިޓިވް ކޭސް
  • އޭޕްރިލް 27 - 386 ޕޮޒިޓިވް ކޭސް
  • އޭޕްރިލް 26 - 328 ޕޮޒިޓިވް ކޭސް
  • އޭޕްރިލް 25 - 253 ޕޮޒިޓިވް ކޭސް
  • އޭޕްރިލް 24 - 218 ޕޮޒިޓިވް ކޭސް
  • އޭޕްރިލް 23 - 318 ޕޮޒިޓިވް ކޭސް

ރޯދަ މަސް ފެށުމާ ގާތްވެފައި ވަނިކޮށް މާލެ ސަރަހައްދުގައި ކޮވިޑުން ރައްކާތެރިވުމަށް ކުރިން އަޅާފައިވާ ފިޔަވަޅުތައް ވަނީ އުވާލައި ލުއިތައް ދީފައެވެ. އެގޮތުން ރެސްޓޯރަންޓްތައް ހުޅުވާލުމާ އެކު ރޯދަ ވީލުމާއި ހަވީރު ފިންޏަށް ނުކުމެ މައިޒާންތަކަށް އާއިލާތައް އެކީގައި ޒިޔާރަތް ކުރުން ވަނީ އިތުރުވެފައެވެ. ނަމަވެސް ރޯދަމަސް ފެށިގެން މެދެއްހާ ހިސާބަށް އައި އިރު ކޭސްތައް އަންނަނީ އިތުރު ވަމުންނެވެ.

އެގޮތުން މިހާރު އެޗްޕީއޭއިން ވަނީ ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެ ގޮތުން މާލެ ފިޔަވާ އެހެން ރަށްރަށުގައި ދިރިއުޅޭ މީހުން އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން ހުއްޓާލުމަށް ވަނީ އަންގާފައެވެ. ހަމައެއާއެކު މާލެ ސަރަަހައްދުގައި ވެސް ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ކާފިއު ވަގުތެއްގެ ގޮތުގައި ރޭގަނޑު 12 އިން ފަތިހު 4 އަށް ހަމަޖއްސާ އެވަގުތު ދުއްވާ އެއްޗެހި ދުއްވުން މަނާ ކުރުމަށް ވަނީ އަންގާފައެވެ.