ކޮވިޑް-19ގެ ހާލަތު ގޯސްވެ ސްކޫލުތަކަށް ދަރިވަރުން ގެންގޮސްގެން ކިޔަވައިދިނުން ހުއްޓާލަން އެޗްޕީއޭއިން ނިންމައިފިއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ސްކޫލްތަކުގެ ބޭބީ ނާސަރީން ފެށިގެން ގްރޭޑް 12 އާ ދެމެދުގެ ދަރިވަރުން ސްކޫލަށް ގެންގޮސްގެން ކިޔަވައިދިނުން ހުއްޓާލައި އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމައިފައިވާ ކަމަށެވެ. ކިޔެވުން އޮންލައިން ކުރި ނަމަވެސް މިހާރު އިމްތިހާނު ހަދަމުން ދާ ދަރިވަރުން އިމްތިހާނު ހެދުމަށް ސްކޫލަށް ގެންދާނެއެވެ.
އެ ނިންމުން ނިންމާފައި ވަނީ މާލެ ސަރަހައްދުގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުން ދާތީ، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އިރުޝާދުގެ މަތިން، ބަލި ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. ކޭސްތައް އިތުރުވެ އިއްޔެ ވަނީ 500 އިން މަތިން ކޮވިޑް ޕޮޒިޓިވް ކޭސްތައް ރިޕޯޓް ކޮށްފައެވެ.
ކޮވިޑް ބަލިމަޑުކަން ފެތުރުމުގެ ސަބަބުން މި އަހަރު ކުރީކޮޅު ވެސް ވަނީ ސްކޫލްތަކުގައި ކިޔަވައި ދިނުމަށް ބަދަލުތަކެއް ގެނެސްފައެވެ. އ އެގޮތުން ގްރޭޑް 8 އިން ދަށުގެ ދަރިވަރުންގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދާ ގޮތަށް ބަދަލު ކުރީ މިދިޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. އެއަށް ފަހު މިދިޔަ މާޗް 18 ވަނަ ދުވަހުން ފެށިގެން ވަނީ ގްރޭޑް 7 އިން މަތީގެ ދަރިވަރުން ސްކޫލަށް ހާޒިރުވެގެން ކިޔަވާ ގޮތަށް ހަމަޖެއްސިއެވެ. އަދި މި ދިޔަ އޭޕްރީލް މަހުގެ އެއްވަން ދުވަހުން ފެށިގެން ިހުރިހާ ގްރޭޑްތަކެއްގެ ދަރިވަރުން ސްކޫލަށް ހާޒިރުވާ ގޮތަށް ހަމަޖެއްސިއެވެ.
2020 ވަނަ އަހަރުގެ ދިރާސީ އަހަރުގައި ކިޔަވައި ދިނުން ދިގު ދެމިގެން ގޮސްފައި ވަނީ ރާއްޖޭގައި ކޮވިޑް ބަލިމަޑުކަން ފެތުރި ސްކޫލަތަކުގައި ކިޔަވައިދިނުން މަޑު ޖައްސާލުމުގެ ސަބަބުންނެވެ. ސްކޫލްތައް ބަންދުކޮށްފައި އޮތުމަށް ފަހު ވަނީ އޮންލައިން ކްލާސްތައް ހިންގާފައެވެ. އަދި މިދިޔަ އަހަރު ފަހު ކޮޅުގައި ވަނީ ސްކޫލްތަކުގައި ގްރޭޑް 7 އިން ފެށިގެން މަތީ ގްރޭޑްތަކުގެ ދަރިވަރުން ކޮންމެ ހަފްތާއަކު ދެ ދުވަހު ސްކޫލަށް ހާޒިރުކޮށް ކިޔަވައި ދީފައެވެ.
ސްކޫލްތަކަށް މިހާރު ހުރިހާ ދަރިވަރުން ގެންގޮސްގެން ކިޔަވައިދޭ ގޮތަށް ހަމަޖައްސާފައި ވާއިރު އަދިވެސް ކޮވިޑަށް ޕޮޒިޓިވް ވާ ކޭސްތައް މަދެއް ނުވެއެވެ. މިއަދުވެސް ކޮވިޑަށް ޕޮޒިޓިވް ވީ އަދަދު ވަނީ 500 އަށް އަރާފައެވެ.
ޣޯނޯ ނޮޓް އަގެއިން