ކޮވިޑް-19އިން ދިފާއުވުމަށް ޖަމުންދާ ވެކްސިން ޖެހުމަށް ވެކްސިން ސެންޓަރުތަކަށް އެއްވާ ބިދޭސީ މީހުން ގިނަވެ އަނެކާވެސް ދިގު ކިއު ހަދާލައިފިއެވެ. އެގޮތުން މާލޭގެ ސޯޝަލް ސެންޓަރުގައި މެންދުރުން ފެށިގެން ވަނީ ކިއު ހަދަން ފަށާފައެވެ. ގައިދުރުކަމަށް ނުވިސްނާ އެންމެން ވެސް ވަނީ ވެކްސިން ޖެހޭތޯ ކިއު އަށް އަރާފައެވެ.
ވެކްސިން ޖެހުން މެދުކެނޑުމަކަށް ފަހު ދެ ވަނަ ޑޯޒް ޖަހަން ފަށާފައި ވަނީ މިދިޔަ މަހުގެ 3 ވަނަ ދުވަހެވެ. މި ރޯދަ މަހު ވެކްސިން ޖަހާ ގަޑިއަކީ ރޭގަނޑު 9 އިން 11 އަށެވެ.
ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ވެކްސިން ޖެހުމުގެ ހިދުމަތް މެދުކަނޑާލި ނަމަވެސް އޭގެ އަނެއް ދުވަހު ވަނީ ވެކްސިން ޖަހަން ފަށާފައެވެ. ފަހު 10 އަށް އެޅުނު އިރު މެންދުރު ފަސްވުމުގެ ކުރިން ބިދޭސީން ކިއު ނަންބަރު ހޯދުމަށް އަންނަނީ ކިއުއަށް އަރމުންނެވެ.
މާލޭގައި ދެވަނަ ޑޯޒް ޖަހައިދޭ ސެންޓަރުތަކުން ބިދޭސީންނަށް ދޫކުރަން ނިންމާފައި ވަނީ 150 ނަންބަރެވެ.
މިއީ މިއަދުގެ އެކަނި ފެންނަ މަންޒަރެއް ނޫނެވެ. ކޮންމެ ދުވަހަކު އެތައް ބަޔަކު ވެކްސިން ޖެހުމަށް ކިއުގައި އެތައް އިރެއް ވަންދެން މަޑުކޮށްގެން ތިބޭއިރު ރޭ ވެސް ފެންނަނީ ހަމަ މި މަންޒަރެވެ. ނުވަތަ އެއަށް ވުރެ ހާލަތު ދެރެއޭ ވެސް ބުނެވިދާނެއެވެ. މިދިޔަ ދުވަސްތަކުގައިވެސް ވެކްސިން ކިއު ހުޅުވާ ނުލަނީސް، ގިނަ ބަޔަކު ވަނީ ކިއު ހަދަން ފަށާފައެވެ. ހުރިހާ މަރުކަޒެއްގައި ދިގު ކިއުތައް އޮތް އިރު ވެކްސިން ޖެހުމުގައި ދުވަސްވީ މީހުންނަށް ހާއްސަ ނުވަތަ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އިސްކަމެއް ދީފައެއް ނުވެއެވެ.
ބައެއް މީހުންނަށް ވެކްސިން ޖަހައިގެން ގެއަށް ދެވުނީ ކިއުގައި މަޑުކޮށްގެން ތިބެ، ތިން ގަޑި އިރަށް ވުރެން ވެސް ފަހުންނެވެ. ފާހަގަކޮށްލެވޭ ކަމަކީ ވެކްސިން ކިއުތަކުގައި ގިނައީ ދިވެހިންނެއް ނޫނެވެ. ބިދޭސީންނެވެ. މިއީ ގިނަ ބަޔަކު ކަންބޮޑުވާނެ ކަމެއް ކަން ޔަގީނެވެ. ގިނަ ބަޔަކު ބުނަނީ އެޗްޕީއޭ އޮތީ ނިދާފަ ކަމަށެވެ.
ވެކްސިން ޖަހެން ބޭނުންވާ މީހުންގެ އަދަދު އިތުރުވާ ނަމަވެސް ކޮވިޑަށް ޕޮޒިޓިވާ މީހުންގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ. އެއާއެކު ބަލި ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާ ކުރުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވަނީ މިއަދެވެ.
ކޮވިޑް އަދަދުތައް މަތިވަމުން ދާއިރު އިއްޔެ އަކީ ރާއްޖެއިން މިހާތަނަށް އެންމެ ގިނައިން ކޭސް ރިޕޯޓުކުރި ދުވަހެވެ. ޖުމްލަ 508 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 276 މީހަކާއި، ހިންގަމުން ދާ ރިސޯޓުތަކުން 12 މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 185 މީހަކާއި ލިވަ ބޯޑުން 3 މީހަކާއި އިންޑަސްޓްރީއަލް މަސައްކަތްތަކަށް ބޭނުންކުރާ ރަށްރަށުން 32 މީހެކެވެ.
މިހާރު ކޮވިޑް ކޭސްތައް އިތުރުވަމުން އަންނަ އިރު ރާއްޖޭގައި އާ ވޭރިއަންތް އުޅޭ ކަމަށް ލަފާ ކުރެވޭ ކަމަށާއި އެކަން ދެނެގަތުމަށް ދިރާސާ ކުރަމުންދާ ކަމަށް އެޗްޕީއޭއިން އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބުނެފައެވެ. އެގޮތުން މާލޭ ސަރަަހައްދުގައި ވެސް ކޭސްތައް އިތުރުވަމުން އަންނަ ކަން ފާހަގަ ކުރެވޭ ކަމަށާއި ފްލޫ ކްލިނިކަށް ދައްކާ މީހުންގެ ތެރެއިން ޕޮޒިޓިވްވާ މިންވަރުވެސް މައްޗަށް ދާ ކަން ފާހަގަ ކުރެވިފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ރޯދަ މަސް ފެށުމާ ގާތްވެފައި ވަނިކޮށް މާލެ ސަރަހައްދުގައި ކޮވިޑުން ރައްކާތެރިވުމަށް ކުރިން އަލާފައިވާ ފިޔަވަޅުތައް ވަނީ އުވާލައި ލުއިތައް ދީފައެވެ. އެގޮތުން ރެސްޓޯރަންޓްތައް ހުޅުވާލުމާ އެކު ރޯދަ ވީލުމާއި ހަވީރު ފިންޏަށް ނުކުމެ މައިޒާންތަކަށް އާއިލާތައް އެކީގައި ޒިޔާރަތް ކުރުން ވަނީ އިތުރުވެފައެވެ. ނަމަވެސް ރޯދަމަސް ފެށިގެން މެދެއްހާ ހިސާބަށް އައި އިރު ކޭސްތައް އަންނަނީ އިތުރު ވަމުންނެވެ.