ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ތޫފާނީ ރާޅަކާ ކުރިމަތިލާން ޖެހިފައިފައިވާ އަވަށްޓެރި އިންޑިއާއަށް ބޭނުންވާ ރިލީފް ފަންޑަށް ފައިސާ ހޯދުމަށް އެމެރިކާގެ ހޮލީވުޑް ފިލްމީ ސިނާއަތުގެ ތަރިން ހިންގާ ހަރަކާތާ، ބޮލީވުޑްގެ ތަރި ރިތިކް ރޯޝަން ގުޅިއްޖެއެވެ.

ހޮލީވުޑުން އަމާޒު ހިފާފައި ވަނީ އިންޑިއާގެ ކޮވިޑް ރިލީފް ފަންޑަށް، 3.68 މިލިއަން ޑޮލަރު ޖަމާ ކުރުމަށް ކަމަށް ވާއިރު، ރިތިކް އޭނާގެ ދައުރު އަދާ ކޮށްފައި ވާކަމަށް މައުލޫމާތު ލިބެއެވެ. ހޮލީވުޑްގެ މަޝްހޫރު ތަރިންތަކެއް ގިނަ އަދަދުތަކުން ފައިސާ ޖަމާ ކުރަމުންދާ އިންޑިއާގެ ކޮވިޑް ރިލީފް ފަންޑަށް، ރިތިކްގެ ނަމުގައި 15000 ޑޮލަރު ޖަމާ ކޮށްފައި ވާ ކަމަށް، ޖޭ ޝެޓީ، ސޯޝަލް މީޑިއާއަށް ދޫކޮށްލި ޕޯސްޓެއްގައި ބުނެފައިވެއެވެ. މިއީ އަދި ފެށުމެއް ކަމަށާ، ބުރަ މަސައްކަތްތަކެއް އަދިވެސް ކުރަން ޖެހޭ ކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

"ހެލްޕް އިންޑިއާ ބްރީދް" ނަމުގައި ހިންގާ މި ފަންޑަށް ފައިސާ ޖަމާ ކުރުމާ ގުޅޭ ޕޯސްޓްތައް، ރާއްޖޭގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައިވެސް ދަނީ ދައުރުވަމުންނެވެ. ކޮވިޑް-19ގެ ސަބަބުން ހާލުގައި ޖެހިފައިވާ އާއިލާތަކަށް އެހީވުމުގައި، ސޯޝަލް މީޑިއާގެ ދައުރު ބޮޑެވެ.

އިންޑިއާގެ ކޮވިޑް މަސްރަހު ނުތަނަވަސް ވަމުން ދާއިރު، ބޮލީވުޑްގެ ގިނަ އަދަދެއްގެ ތަރިން ދަނީ، ސޯޝަލް މީޑިއާގައި އެހީތެރިކަން ފޯރުކޮށްދީ، މީހުން ހޭލުންތެރި ކުރުވުމުގެ ހަރަކާތްތައްވެސް ހިންގަމުންނެވެ.