ގދ. ގައްދޫގައި ގޭސް ފުޅިއެއް ލީކުވެ، ހިނގި އަލިފާނުގެ ހާދިސާގައި މީހަކު ފިހިއްޖެއެވެ.

" ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ގައްދޫ ކައުންސިލްގެ މެންބަރު މުހައްމަދު ލަބީބު ވިދާޅުވީ އެހާދިސާ ހިނގާ ފައިވަނީ ރޭ 8 ޖަހާކާ އިރު ކަމަށެވެ.

އެ ހާދިސާގައި ފިހިފައިވަނީ ބިދޭސީއެއް ކަމަށް ލަބީބު ވިދާޅުވިއެވެ.

ލަބީބު ވިދާޅުވީ އެހާދިސާ ހިނގާފައިވަނީ ގޭސް ލީކުވެފަ ހުއްޓާ، ކެއްކުމަށް ފަހު އުނދުން ނިއްވާލި ވަގުތު ކަމަށެވެ. އެ ހާދިސާގައި އެމީހާގެ ދެ ފަޔާ އަދި އަތް ވެސް ފިހިފައިވާ ކަމަށާއި ފަރުވާ އަށް ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ރޭ ގެންގޮސްފައިވާ ކަމަށް ލަބީބު ވިދާޅުވިއެވެ.

މިދިޔަ މަހު އަށް ވަނަ ދުވަހު ރ. އިނގުރައިދޫގައި ގޭސް ފުޅިއެއް ގޮވާ އަންހެނަކު ވަނީ ފިހިފައެވެ. އެހާދިސާގައި ފިހިފައިވަނީ ދޮށީ އުމުރުގެ މީހެކެވެ. އަދި އެމީހާގެ 50 ޕަސަންޓް ފިހިފައިވާ ކަމަށް މައުލޫމާތު ލިބުނެއެވެ.

އެގޮތުން އެމީހާގެ ކަކުލާ ހިސާބުން ވަރަށް ބޮޑަށް ފިހިފައިވާ ކަމަށާއި އަތުގެ ބައެއް ތަންތަން އަދި މޫނުގެ ބައެއް ވެސް ފިހިފައިވާ ކަމަށް މައުލޫމާތު ލިބުނެއެވެ.

އެމިހާއަށް އުނގޫފާރު ހޮސްޕިޓަލުގައި އައިސީޔޫގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ވެސް ވަނީ ގެންގޮސްފައެވެ.

އޭގެ އިތުރުން މިދިޔަ ފެބްރުއަރީ މަހު މާލެ ގެއެއްގައި ގޭސް ފުޅިއެއް ގޮވާ މީހަކަށް ވަނީ އަނިޔާވެފައެވެ.