މިއަދު ރެކޯޑް އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. ވޭތުވެ ދިޔަ 24 ގަޑި އިރުގެ ތެރޭގައި 3523 ސާމްޕަލެއް ޓެސްޓް ކޮށްފައި ވާއިރު، މިއަދު 508 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 276 މީހަކާއި، ހިންގަމުން ދާ ރިސޯޓުތަކުން 12 މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 185 މީހަކާއި ލިވަ ބޯޑުން 3 މީހަކާއި އިންޑަސްޓްރީއަލް މަސައްކަތްތަކަށް ބޭނުންކުރާ ރަށްރަށުން 32 މީހެކެވެ.

މިއަދުގެ ކޮވިޑް އަޕްޑޭޓް

  • މިއަދު ޕޮޒިޓިވްވި އަދަދު: 508
  • ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ މީހުންގެ އަދަދު: 172
  • ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު: 30،745
  • ކޮވިޑް އެކްޓިވް ކޭސް: 5594
  • ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 25،068
  • ކޮވިޑް މަރުގެ ޖުމްލަ އަދަދު: 74

މިހާރު ކޮވިޑް ކޭސްތައް އިތުރުވަމުން އަންނަ އިރު ރާއްޖޭގައި އާ ވޭރިއަންތް އުޅޭ ކަމަށް ލަފާ ކުރެވޭ ކަމަށާއި އެކަން ދެނެގަތުމަށް ދިރާސާ ކުރަމުންދާ ކަމަށް އެޗްޕީއޭއިން އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބުނެފައެވެ. އެގޮތުން މާލޭ ސަރަަހައްދުގައި ވެސް ކޭސްތައް އިތރުރުވަމުން އަންނަ ކަން ފާހަގަ ކުރެވޭ ކަމަށާއި ފްލޫ ކްލިނިކަށް ދައްކާ މީހުންގެ ތެރެއިން ޕޮޒިޓިވްވާ މިންވަރުވެސް މައްޗަށް ދާ ކަން ފާހަގަ ކުރެވިފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ވޭތުވެ ދިޔަ 10 ދުވަހުގެ ކޭސްތަކަށް ބަލާއިރު، އިއްޔެ ވަނީ 402 ކޭސް އަދި އޭގެ ކުރީ ދުވަހު 465 ކޭސް ވަނީ ޕޮޒިޓިވް ވެފައެވެ. މިދިޔަ ބުރާސްފަތި ދުވަހު 318 ކޭސް، މިދިޔަ ބުދަ ދުވަހު 464 ކޭސް ރިޕޯޓް ކޮށްފައިވާ އިރު، އަންގާރަ ދުވަހު 386 ކޭސް، ހޯމަ ދުވަހު 328 ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ. މިދިޔަ އާދިއްތަ ދުވަހު 253 މީހަކު ކޮވިޑް ޕޮޒިޓިވް ކޭސް ރިޕޯޓް ކޮށްފައި ވާއިރު ހޮނިހިރު ދުވަހު ވަނީ 218 ކޭސް ރިޕޯޓް ކޮށްފައެވެ. ހަމައެއާ އެކު ހުކުރު ދުވަހު ވަނީ 318 ކޭސް ރިޕޯޓް ކޮށްފައެވެ.

ރޯދަ މަސް ފެށުމާ ގާތްވެފައި ވަނިކޮށް މާލެ ސަރަހައްދުގައި ކޮވިޑުން ރައްކާތެރިވުމަށް ކުރިން އަލާފައިވާ ފިޔަވަޅުތައް ވަނީ އުވާލައި ލުއިތައް ދީފައެވެ. އެގޮތުން ރެސްޓޯރަންޓްތައް ހުޅުވާލުމާ އެކު ރޯދަ ވީލުމާއި ހަވީރު ފިންޏަށް ނުކުމެ މައިޒާންތަކަށް އާއިލާތައް އެކީގައި ޒިޔާރަތް ކުރުން ވަނީ އިތުރުވެފައެވެ. ނަމަވެސް ރޯދަމަސް ފެށިގެން މެދެއްހާ ހިސާބަށް އައި އިރު ކޭސްތައް އަންނަނީ އިތުރު ވަމުންނެވެ.

މިހާރު ރާއްޖެއިން ކޮވިޑް ޕޮޒިޓިވް ކޭސްތައް އިތުރުވަމުން އައުމާ ގުޅިގެން މިއަދު އެޗްޕީއޭއިން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މާލެ ސަރަހައްދު ފިޔަވާ އެހެން ހުރިހާ ސަރަހައްދެއްގައި އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން ހުއްޓާލުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.